އިންތިގާލީ މަރުހަލާގެ ތެރޭގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެފަދަ މަސައްކަތެއް ނުކޮށް، މަޑުޖައްސާލަން އިންތިހާބީ އޮފީހުން މިއަދު ގޮވާލައިފިއެވެ.
އިންތިހާބީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ބަދަލުވަމުންދާ މި މަރުހަލާ ހިނގަމުންދާ ދަނޑިވަޅުގައި އާބަންކޯ އިން ހުޅުމާލޭގެ ބިންތަކަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތަކެއް ނިންމުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެކި މުއާމަލާތްތަކާ ގުޅޭ ތަފާތު 40 އައިޓަމެއް އާބަންކޯ ބޯޑުގެ ދެން އޮންނަ ބައްދަލުވުމަށް އެޖެންޑާކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
ހުޅުމާލޭގެ ބިންތަކަކީ، ދިވެހި ދައުލަތުގެ ރައުސްމާލުގައި ހިމެނޭ އެންމެ އަގު ބޮޑު 'އެސެޓް'ތައްކަމުން، މި މަރުޙަލާގައި އަވަސް އަރުވާލައިގެން، އެ ބިންތަކާ ގުޅޭ ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަކީ މި އޮފީހުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް އިންތިހާބީ އޮފީހުން ބުނެފައިވެއެވެ. އަދި ވަކީން ޚާއްސަކޮށް، މި މުއާމަލާތްތަކުގެ ތެރޭގައި، ބޭރުގެ ފަރާތްތަކަށް ބިން "ލީޒް"ކުރުމުގެ މުއާމަލާތްތަކެއް ހިމެނޭތީ އެކަމާ މެދު އިތުރަށް ކަންބޮޑުވާ ކަމަށް ބަޔާނުގައިވެ އެވެ.
"މީގެ ސަބަބުން އަލަށް ފެށޭ ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ހުރަސްއެޅި، މުޅި ދިވެހި ދައުލަތަށް އެ ކަމުގެ ގެއްލުންލިބުމުގެ ފުރުސަތު އޮންނާނެއެވެ. ވުމާއެކު، މި މަރުޙަލާގައި މި ފަދަ މުއާމަލާތްތައް މަޑުޖައްސާލައި، ހުރިހާ އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތަކުން، އިންތިގާލީ މަރުޙަލާގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރަމެވެ." ބަޔާނުގައިވެއެވެ.
"އަދި ދަންނަވަމެވެ. މިފަދަ ކަންކަން ހުއްޓުވައި ދިވެހި ރައްޔިތުންގެ މަތީ މަސްލަޙަތުތައް ހިމާޔަތްކުރުމަށް، ގާނުނީ ނިޒާމުގެ ތެރެއިން މުއައްސަސާތައް މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!