އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް މެދުކެނޑުމެއް ނެތި އަޅަމުންދާ ބޮންތަކުގެ ސަބަބުން މިހާތަނަށް އައިއިރު، ޣައްޒާގައި ތިބި 35 ނޫސްވެރިން ޝަހީދުވެއްޖެއެވެ.
މި މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ހަމާސް ޖަމާއަތުގެ މުޖާހިދުން ވަނީ އިސްރާއީލްގެ އަސްކަރިއްޔާ ސިއްސުވާލާ ވަރުގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އިސްރާއީލުން 1،400 މީހަކު މަރާލައި، 250 މީހުން ރަހީނުކޮށްގެން ޣައްޒާ އަށް ގެންގޮސްފައިވެއެވެ. އޭގެ ތެރެއިން ބައެއް މީހުން އިންސާނިއްޔަތަށްޓަކައި ކަމަށް ބުނެ، ދޫކޮށްލާފައިވާ އިރު، އިސްރާއީލްގެ ހަމަލާތަކުގައި ވެސް އޭގެ ތެރެއިން ބައެއް މީހުން މަރު ވެސް ވެފައިވެއެވެ.
ފަލަސްތީނުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އައިއިރު، ފަލަސްތީނުގެ ޣައްޒާ އިން 35 ނޫސްވެރިން ވަނީ ޝަހީދުވެފައެވެ. އެއީ މުޅިން ހެން ފަލަސްތީނަށް އުފަން ރައްޔިތުން ކަމަށް ވެސް އެ މީޑިއާތަކުން ބުނެފައިވެއެވެ.
35 Palestinian journalists have been killed since the start of the Israeli aggression against the #Gaza Strip pic.twitter.com/d7tqnHEMtR
— Quds News Network (@QudsNen) October 29, 2023
މި ހަމަލާތަކުގައި ޝަހީދުވި ގިނަ ނޫސްވެރިންނަކީ ފިރިހެނުންނެވެ. އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވެފައި ވަނީ ހަތަރު އަންހެން ނޫސްވެރިންނެވެ.
އިސްރާއީލުން ފަލަސްތީންގައި ކުރަމުން އަންނަ ހަނގުރާމައިގައި މިހާރު ވަނީ ވައިގެ ހަމަލާތަކުގެ އިތުރުން ކަނޑުމަގުންނާއި އެއްގަމު މަގުން ވެސް ހަމަލާތައް ދޭން ފަށައިފައެވެ. އެއާއެކު، ޣައްޒާ އަށް ދޭ ހަމަލާތައް އިސްރާއީލުން ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
ވައިގެ މަގުން ޣައްޒާ އަށް ބޮން އެޅުން އިތުރުކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ މުއާސަލާތީ ހިދުމަތްތައް ކަނޑާލުމަށް ފަހުގައެވެ. އޭގެ ސަބަބުން ޣައްޒާގެ އެކި ހިސާބުތަކުގައި ތިބި މީހުންނާ އޮތް ގުޅުން އެއްކޮށް ކެނޑިގެން ދިޔައެވެ. ނަމަވެސް މިއަދު ހެނދުނު އަލުން މުއާސަލާތީ ހިދުމަތްތައް ވަނީ ލިބެން ފަށައިފައެވެ.
އިސްރާއީލުން އެއްގަމު މަގުން ޣައްޒާ އަށް އެރުމާ ގުޅިގެން ފަލަސްތީނުގައި ތިބި ހަމާސްގެ ހަނގުރާމަވެރިން ދަނީ ރައްދުގައި ހަމަލާތައް ދެމުންނެވެ. އިސްރާއީލުން މިހާތަނަށް ބުނެފައިވާ ގޮތުގައި ހަމަލާ ބަދަލު ކުރުންތައް ކުރިއަށްދާ އިރު، އިސްރާއީލް ސިފައިންގެ އޮފިސަރަކާއި ސިފައިންގެ މީހަކަށް ވަނީ އަނިޔާވެފައެވެ. އިސްރާއީލުން ބުނެފައި ވަނީ އެމީހުންނާ ކުރިމަތިލަމުން އަންނަ ހަމާސްގެ މުޖާހިދުން ޝަހީދު ކުރަމުންދާ ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލް ސިފައިން ވަދެގަތީ ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ހަނޫން އާއި އިރުމަތީ ބުރައިޖު ސަރަހައްދުންނެވެ. އެ ސަރަހައްދަކީ އިސްރާއީލުން ބޮން އަޅައި، އެންމެ ވަރުގަދަ އަށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ އެއް ސަރަހައްދެވެ.
އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު، ޣައްޒާ އިން 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 20،000 އާ ގާތް ކުރާ އަދަދަކަށް މީހުންނަށް އަނިޔާ ލިބިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!