ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 8،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.
މި މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ އިމާރާތްތަކާއި މިސްކިތްތަކާއި ހޮސްޕިޓަލްތައް ކައިރިއަށާއި ފައްޅިތައް ހިމެނެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިހާތަނަށް އައިއިރު، ފަލަސްތީނުގެ 8،005 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި 3،324 ކުޑަކުދިންނާއި 2،062 އަންހެނުންނާއި 460 އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.
ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އިމާރާތްތަކުގެ ދަށުވެ، ގެއްލިފައިވާ މީހުންގެ އަދަދު ވެސް 1،870 އަށް އަރާއެވެ. އޭގެ ތެރޭގައި 1،020 ކުޑަކުދިން ވެސް ހިމެނެއެވެ. އިސްރާއީލްގެ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް އައިއިރު، 20،000 އާ ގާތް ކުރާ އަދަދަކަށް ފަލަސްތީނު މީހުން ވަނީ ޒަހަމްވެފައެވެ.
ހަމާސް އިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާތަކުގައި 1،400 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އަދި އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ، 250 މީހުން ހައްޔަރުކޮށްގެން ޣައްޒާ އަށް ގެންގޮސްފައިވާ ކަމަށް ހަމާސް އިން ބުނެއެވެ. އެކަމަކު، އިސްރާއީލުން މިހާތަނަށް ބުނެފައި ވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބީ 230 މީހުން ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުން އިސްރާއީލްގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ހަމާސް އިން ބުނެފައިވެއެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 40 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ އިން މީގެކުރިން ވަނީ ހާމަކޮށްފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާ ހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ވަށާލާފައި ވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުން ވަނީ ސާފު ފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތިން މަހުރޫމުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!