އިސްރާއީލްގެ ސިފައިން، ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އެއްގަމު މަގުން އިސްރާއީލުން ޣައްޒާ އަށް އެރި އިރު، އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި، ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ. ވައިގެ މަގުން ޣައްޒާ އަށް ބޮން އެޅުން އިތުރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ޣައްޒާ އިން މުއާސަލާތީ ހިދުމަތްތައް މެދުކަނޑާލުމަށް ފަހުގައެވެ. އޭގެ ސަބަބުން ޣައްޒާގެ އެކި ހިސާބުތަކުގައި ތިބި މީހުންނާ އޮތް ގުޅުން އެއްކޮށް ކެނޑިގެން ދިޔައެވެ. އަދި އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންނާއި ޝަހީދުވެފައިވާ މީހުން ތިބި ތަން ނޭނގި، އެމްބިއުލާންސްތައް ވެސް ނުފޮނުވުނެވެ.
ފަލަސްތީނުގައި ތިބި ރެޑް ކްރެސެންޓްގެ މެމްބަރުންނާއި އދ. ގެ ޓީމުތަކާ ވެސް ގުޅުން ކެނޑިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުން ރޭގައި ދިން ވައިގެ ހަމަލާތަކަކީ ފެބްރުއަރީ 7 ގައި ހަމާސް އާއި އިސްރާއީލާ ދެމެދު ހަނގުރާމަ ފެށުނު ފަހުން، އިސްރާއީލުން ޣައްޒާ އަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. މި ހަމަލާތަކުގައި އެތައް ސަތޭކަ އިމާރާތެއް ބިމާ ހަމަވެ، އެތައް ބަޔަކު އިމާރާތްތަކުގެ ދަށުގައި ތިބި ކަމަށްވެއެވެ.
އޭގެ ތެރެއިން ގިނަ ބަޔަކު ޝަހީދުވެފައި ތިބޭނެ ކަމަށް ބެލެވޭ އިރު، ޒަހަމްވެފައިވާ މީހުންނާއި ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިސްރާއީލްގެ ހަމަލާތަކުގައި އިއްޔެ ހަވީރާ ހަމައަށް ޣައްޒާއިން 7،326 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
އިސްރާއީލުން އެއްގަމު މަގުން ޣައްޒާ އަށް އެރުމާ ގުޅިގެން ފަލަސްތީނުގައި ތިބި ހަމާސްގެ ހަނގުރާމަވެރިން ދަނީ ރައްދުގައި ހަމަލާތައް ދެމުންނެވެ. އިސްރާއީލުން މިހާތަނަށް ބުނެފައިވާ ގޮތުގައި ހަމަލާ ބަދަލު ކުރުންތައް ކުރިއަށް ދިޔަ ނަމަވެސް އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލް ސިފައިން ވަދެގަތީ ޣައްޒާގެ އުތުރުގައި އޮންނަ ބައިތު ހަނޫން އާއި އިރުމަތީ ބުރައިޖު ސަރަހައްދުންނެވެ. އެ ސަރަހައްދަކީ އިސްރާއީލުން ބޮން އަޅައި، އެންމެ ވަރުގަދަ އަށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ އެއް ސަރަހައްދެވެ.
އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ކުޑަކުދިންގެ އަދަދު ވެސް 3،000 އަށް ވުރެ މައްޗަށް އަރައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!