އިންޑިއާ ސިފައިން ބޭލުމަށް މަސައްކަތް ކުރައްވަނީ އިންޑިއާއާ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމެރިކާގެ ބުލޫމްބާގް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ.

Ad
rt

މުުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ ގޮތުން އިންޑިއާގެ ހައިކޮމިޝަނާ ބައްދަލުކުރައްވަައި މިހައިތަނަށް ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ބޭނުންފުޅުވެވަޑައިގަންނަވަނީ ރާއްޖެ އަކީ ހަގީގީ މާނައިގައި ފުރިހަމަ މިނިވަންކަމެއް ލިބިފައިވާ ގައުމަކަށް ވުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އެހެން ގައުމަކުން ކޮންޓްރޯލް ކުރާ ގައުމަކަށް ވާން ބޭނުންވެވަޑައިނުގަންނަވާ ކަމަށާއި އެހެން މިނިވަން ގައުމުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ ނިންމުންތައް އެއްވެސް ގައުމެއްގެ ނުފޫޒެއް ނެތި ނިންމުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބިތިބުމާމެދު ރާއްޖޭގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިހާރުގެ ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީ ނުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ތިބެން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާކަމަަށާއި އިންޑިއާ ސިފައިން ފޮނުވާލާފައި ޗައިނާގެ ސިފައިން ވިޔަސް ނުވަތަ އެހެން ގައުމެއްގެ ސިފައިން ކަމަށް ވިޔަސް ރާއްޖެއިން ޖާގަ ނުދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ބޭނުންފުޅު ވަނީ ދެ ގައުމަށް ވެސް ފައިދާ ކުރާނެފަދަ ގުޅުމެއް ބޭއްވުމަށް ކަމަށާއި ޗައިނާއާއެކު ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރެއްވިއިރު، އެ ގައުމުގެ އަސްކަރީ ބާރު ނުވަތަ އަސްކަރީ ސިފައިން ރާއްޖޭގައި ނެތް ކަމަށާއި އެކަން އޮންނަންވާނެ ގޮތަކީ ވެސް އެއީ ކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ.