ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީކުރަން ފެށި "ދަ ގާޑަންސް" އެޕްޓާމަންޓުތަކުގެ ބާކީ ހުރި މަސައްކަތްތައް އާބަންކޯގެ ބެލުމުގެ ދަށުން އަލުން ފަށައިފިއެވެ.

ޖާހާ މި މަޝްރޫއު ހިންގުމަށް ހަވާލު ކުރީ 2017 ވަނަ އަހަރު، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އަދިވެސް މި މަޝްރޫއުގެ މަސައްކަތް ނުނިމޭތީ އެތަނުން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ad
rt

މި މަސައްކަތް ލަސްވާތީ މީގެ ކުރިން ޖާހުން ބުނީ މަސައްކަތް ލަސްވީ ކޮވިޑާ ގުޅިގެން ދަތުރުފަތުރުގެ ދަތިކަން ދިމާވެ މުވައްޒަފުންނާއި މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމުގައި ދަތިތަކާ ދިމާވެގެން ކަމަށެވެ.

އެ މަސައްކަތް ނިންމަން މިދިޔަ ޖޫން މަހު އާބަންކޯއިން ޖާހަށް 30 ދުވަހުގެ މުއްދަތެއް ވެސް ދިނެވެ. ނަމަވެސް އެ އެޕާޓްމަންޓުތަކުގެ މަސައްކަތް ލަސްވަމުންދާތީ އާބަންކޯއިން އެ މަސައްކަތާ ހަވާލުވީއެވެ.

އާބަންކޯއިން ބުނީ "ދަ ގާޑަންސް" މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ދިހަ ވަނަ ބުރިން ތިރީގެ ބުރިތަކުގެ ފިނިޝިން މަސައްކަތް ކަމަށެވެ. އޭގެ ތެރޭގައި ޕްލާސްޓަރިން، ޕުޓީގެ މަސައްކަތް، މުށި އަދި ސީލިން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ދަ ގާޑަންސް"ގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ހަމަޖައްސާފައިވާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން މި މަސައްކަތާ ހަވާލުވުމަށްފަހު ބުނީ އެ ކުންފުނިން އެ މަސައްކަތާ ހަވާލުވީ ޖާހުގެ އެޕާޓްމަންޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާތީ އެޕާޓްމަންޓުތައް ގަނެފައިވާ މީހުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަށް މަސައްކަތް ނިންމުމަށް ކަމަށެވެ. އެޕާޓްމަންޓްތައް ނިންމުމާ ހަވާލުވިއިރު އެޕާޓްމަންޓްތަކުގެ 91 އިންސައްތަ މަސައްކަތް ޖާހު ކުންފުނިން ނިންމާފައިވާ ކަމަށް ވެސް އާބަންކޯއިން ބުންޏެވެ.