ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވައިގެ މަގުން ދިން ހަމަލާތަކުގައި ޣައްޒާގެ 305 ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ، މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެގަނެ ދިން ކުއްލި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. މި ހަމަލާތަކުގައި އިސްރާއީލުން 1،400 މީހުން ވަނީ މަރާލައިފައެވެ. އަދި އިސްރާއީލުން ބުނާ ގޮތުން ނަމަ، ހަމާސް އިން ވަނީ 222 މީހުން ހައްޔަރުކޮށްގެން ޣައްޒާ އަށް ގެންގޮސްފައެވެ.

Ad
rt

ހަމާސް އިން ބުނާ ގޮތުގައި އިސްރާއީލަށް ކުއްލި ހަމަލާތަކެއް ދޭން ޖެހުނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާކޮށް ޝަހީދު ކުރަމުން ދިއުމާއި ފަލަސްތީނުގެ ބިމެއް ކަމުގައިވާ ގުދުސްގައި ހުންނަ މަސްޖިދުލް އަގްސާގެ ހުރުމަތް ކަނޑަމުންދާތީ އެމީހުންގެ "ލަގޮނޑި" އަށް ކެތް ނުކުރެވިގެންނެވެ.

އެކަމަކު، ހަމާސް އިން ބުނާ ގޮތުގައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އަދަދު 250 އަށް އަރާނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ވޭތުވެދިޔަ 24 ގަޑިއިރަކީ ހަނގުރާމައިގައި އެންމެ އަނިޔާވެރި 24 ގަޑިއިރު ކަމަށާއި ހަމަލާތަކުގައި 704 މީހުން ޝަހީދުވެފައިވާ ކަމަށެވެ. އެ މީހުންގެ ތެރޭގައި 305 ކުޑަކުދިންނާއި 173 އަންހެނުންނާއި 78 އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

މިއާ އެކު، އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 5،791 އަށް އަރައިފައެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނީ އެއް ދުވަސް ތެރޭގައި "ނިރުބަވެރިންގެ" 400 ޓާގެޓަކަށް ހަމަލާދީ، ހަމާސްގެ ކޮމާންޑަރުން ޝަހީދުކޮށްލާފައިވާނެ ކަމަށެވެ. އަދި އިސްރާއީލްގެ ދެ މީހަކު ދޫކޮށްލި ނަމަވެސް ހަމަލާތައް މަދު ނުކުރާނެ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ. އިސްރާއީލުން މިގޮތަށް ބުނި ކަމުގައި ވިޔަސް، އިސްރާއީލްގެ ހަމަލާތަކުގައި ގިނަ އިން ޝަހީދުވެގެން ދަނީ ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ކުށެއް ނެތް އާންމު ރައްޔިތުންނެވެ.

ރޭގައި ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގައި ދިރިއުޅޭ އެއް އާއިލާގެ 13 މެމްބަރުން ހިމެނެއެވެ. އެމީހުން ޝަހީދުވީ، މީހުން ދިރިއުޅޭ އިމާރާތެއްގައި ތިއްބައެވެ. އޭގެ ފަހުން ވެސް ހާން ޔޫނުސްގެ އަމާލް ސަރަހައްދަށް ވައިގެ މަގުން ދިން ހަމަލާއެއްގައި 20 މީހަކު ޝަހީދުކޮށްލާފައިވެއެވެ.