ހަމާސްގެ ހަނގުރާމަވެރިން ފަލަސްތީނުގެ ޣައްޒާ އަށް ގެންގޮސް ކަންތައްތައް ކުރީ ވަރަށް ރަނގަޅަށް ކަމަށާއި އެމީހުން ކާބޯތަކެތި ވެސް ދިން ކަމަށް ޣައްޒާ އަށް ރަހީނުކޮށްގެން ގެންދިއުމަށް ފަހު، ރޭގެ ވަގުތެއްގައި ދޫކޮށްލި އިސްރާއީލްގެ އަންހެނަކު ބުނެފިއެވެ.

މި މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް ވަދެ، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްގެން އިސްރާއީލަށް ގެންދިޔައެވެ. ހަމާސް ޖަމާއަތުން ބުނާ ގޮތުގައި، ޣައްޒާ އަށް ގެންދިޔަ މީހުންގެ އަދަދު 250 އަށް އަރާނެއެވެ. އެކަމަކު އިސްރާއީލުން ބުނެފައި ވަނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުން ޣައްޒާ އަށް ގެންދިޔައީ 222 މީހުން ކަމަށެވެ. އެކަމަކު، އެއީ ފައިނަލް އަދަދު ކަން އަދި ކަށަވަރު ނުވާ ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.

Ad
rt

ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވަނީ މީގެކުރިން ކުޑަކުއްޖަކާއި ފަސް މީހަކު ދޫކޮށްލައިފައެވެ. އެންމެ ފަހުން، ރޭގެ ވަގުތެއްގައި އިސްރާއީލުން ދޫކޮށްލާފައި ވަނީ އިސްރާއީލްގެ އުމުރުން ދުވަސްވީ ދެ އަންހެނުންނެވެ.

ހަމާސްގެ ހަނގުރާމަވެރިން ކަންތައްތައް ކުރި ގޮތާ މެދުގައި ނޫސްވެރިން ސުވާލު ކުރުމުން އިސްރާއީލުގެ ރައްޔިތެއް ކަމަށްވާ އޮޔޮޗެވެޑް ލިފްޝިޓްޒް ބުނީ ހަމާސްގެ މީހުންނަކީ ވަރަށް ހެޔޮ މީހުން ކަމަށެވެ. ޣައްޒާއަށް ގެންދިޔުމުން އޭނާ ވަރަށް ބިރުގަތް ކަމަށާއި އެމީހުން ގެންދިޔައީ ބިމުގެ އަޑީގައި ހަދާފައިވާ ބިންގަރާހުގެ ތެރެއަށް ކަމަށް ބުނެފައިވެއެވެ. އަދި ބިންގަރާހުގެ ތެރޭގައި އެތައް ކިލޯމީޓަރެއް ހިނގުމަށް މަޖުބޫރުވި ކަމަށް ވެސް އޭނާ ބުންޏެވެ.

އޮޔޮޗެވެޑް ލިފްޝިޓްޒް ބުނީ އޭނަގެ މަންމަ ރަހީނުކޮށްގެން ގެންދިޔައީ ސައިކަލެއްގެ ފަހަތަށް އަރުވައިގެން ކަމަށެވެ. "ހޮޅި ދަނޑިތަކެއް" ތެރެއިން ގެންގޮސް ގެންދިޔަ ވަގުތު، އެމީހުން ގައިގައި ތެޅި ނަމަވެސް ހަމާސްގެ ހަނގުރާމަވެރިން އަނިޔާވެރި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭގެ ބަދަލުގައި ހަމާސްގެ ހަނގުރާމަވެރިން އިސް ކުރީ މަޑުމައިތިރި ކަން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެމީހުން ކެއުމަށް ޕިޓާ ރޮށި، ހަރު ޗީޒް، ކޮންމެވެސް ވަރަކަށް ލޯ ފެޓް ކްރީމް ޗީޒް އަދި ކިއުކަމްބާ ދީފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ހަމާސްގެ ހަނގުރާމަވެރިންނާ ސަލާމް ކުރީ ކީއްވެތޯ ސުވާލު ކުރުމުން އެމީހާ ބުނީ ހަނގުރާމަވެރިން ވަރަށް ރަނގަޅަށް ކަންތައްތައް ކުރުމާ ގުޅިގެން ކަމަށެވެ. އުމުރުން ދުވަސްވީ މީހާ ބުނާ ގޮތުގައި އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިން ހަމާސްއިން ދިން ހަމަލާ އެކަށީގެންވާ ވަރަށް ސީރިއަސްކޮށް ނުނަގައެވެ. އޭގެ ބަދަލުގައި ހަމާސް ޖަމާއަތް އޮތީ ވަރަށް ތައްޔާރުވެގެން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި، އަލް ގާއްސާމް ބްރިގޭޑްސްއާ ހަވާލާދީ ގަތަރާއި މިސްރުގެ ބައެއް މީޑިއާތަކުން ބުނީ އެ ޖަމައާތުން އަސީރުން ދޫކޮށްލީ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.