ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.

މިއަދުގެ ޖަލްސާ ހެނދުނު 9 ޖެހިއިރު ފެށުމަށް ނިންމާފައިވީނަމަވެސް ގަޑިޖެހުނުއިރުވެސް ކޯރަމް ހަމަވާ ވަރަށް ތަޅުމުގައި މެމްބަރުން ނެތުމުގެ ސަބަބުން މެމްބަރުން ހަމަވޭތޯ ގާތްގަނޑަކަށް 10 މިނެޓު ވަނީ މަޑުކޮށްފައެވެ.

Ad
rt

އެހެންނަމަވެސް ޖަލްސާގެ ކޯރަމް ހަމަވާ މިންވަރަށް މެމްބަރުން ހަމަވެފައި ނުވާތީ މިއަދުގެ ޖަލްސާ ވަނީ ނިންމައިލާފައެވެ.

ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ކޯރަމް ބެލް ޖެހުމަށް ފަހުވެސް ގާނޫނީ އަދަދު ހަމަނުވާތީ މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ.

މި ޖަލްސާ ނިންމާލާފައިވާއިރު، ޖަލްސާގެ އެޖެންޑާގައި އޮތީ މިއަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓް ހުށަހެޅުމެވެ. އަދި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް ނިންމުމާއި ވޯޓަށް އެހުމަށް ވެސް ގިނަ ކަންތައްތަކެއް ވަނީ އެޖެންޑާ ކޮށްފައެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހުގެ ޖަލްސާ ފަށާ ވަގުތު މަޖިލީހުގެ ތަޅުމުގައި 22 މެންބަރުން ހާޟިރުވެ ތިބެން ޖެހެއެވެ.

މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ބޭނުންވާ ވަރަށް ކޯރަމް ހަމަނުވާކަން ދަނީ ފާހަގަކުރެވެމުންނެވެ.