ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ދީފައިވާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 5000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ޝަހީދުވި މީހުންގެ 40 އިންސައްތައަކީ ކުޑަކުދިން ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

މި މަހުގެ ހަތްވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތަކަށް ވެސް ވަނީ އަމާޒުވެފައެވެ.

Ad
rt

އެގޮތުން އިސްރާއީލުން ވަށާލާފައިވާ ޣައްޒާ އަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 5،100 މީހުން ވަނީ ޝަހީދުކޮށްލާފައި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 40 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ހޯމަ ދުވަހު ވަނީ ހާމަކޮށްފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީ އިން މި ތަފާސްހިސާބު ހާމަކޮށްފައި މިވަނީ އިސްރާއީލުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ޣައްޒާގެ އެކި ހިސާބުތަކަށް 300 އަށްވުރެ ގިނަ ވައިގެ ހަމަލާތައް ދީފައިވާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދީފައިވާ ވައިގެ ހަމަލާތަކުގައި އެކަނިވެސް އެގައުމުގެ 400 އަށް ވުރެ ގިނަ އާންމު ރައްޔިތުން ވަނީ ޝަހީދު ކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާ ހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ވަށާލާފައި ވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުން ވަނީ ސާފު ފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތިން މަހުރޫމުވެފައެވެ.

ޣައްޒާގެ އާންމު ރައްޔިތުންނާއި ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތް ވުޖޫދުން ފޮހެލާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާއިތުވި ހަފްތާ ތެރޭގައި ހާމަކޮށްފައެވެ. އަދި މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކަކީ ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް ޖަމާއަތުން ބޭނުންކުރަމުންދާ ޓަނަލްތަކާ އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބޭނުންކުރަމުންދާ އަސްކަރީ ކޮމްޕައުންޑްތަކާއި އޮބްޒަވޭޝަން ޕޯސްޓްތަކަށް ކަމަށް ވެސް ޔަހޫދީ އިސްރާއީލުން ވަނީ ހާމަކޮށްފައެވެ.

އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން މިހާރުވެސް އަންނަނީ ޣައްޒާގެ ބޯޑަރަށް ޖަމާވެ، ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތާ ގުޅުންހުރި އިންފްރާސްޓްރަކްޗަރ ތައްކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހާތަނަށް ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ.