މި މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ މެދުގައި ހިނގަމުންދާ ހަނގުރާމައިގައި އިސްރާއީލުގެ އުތުރުން ލުބުނާން ބޯޑަރުގައި ހިޒްބުﷲ ޖަމާއަތާ ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން އެކުވެ އިސްރާއީލަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން، އިސްރާއީލުގެ 200،000 ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އިސްރާއީލުން ހާމަކޮށްފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރުގެ ތަރުޖަމާނަކު އާއްތަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި ޣައްޒާއާއި ލުބުނާނު ބޯޑަރާ ކައިރި ހިސާބުތަކުގައި އޮންނަ އެގައުމުގެ 105 އަވަށަކުން މީހުން ނިކުތުމަށް މިހާރު ވަނީ އަންގައިފައެވެ. ނަމަވެސް މި އެންގުން އެންގުމުގެ ކުރިން ވެސް މި ސަރަހައްދު ތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ދެބައިކުޅަ އެއްބައި މީހުން މި ސަރަހައްދު ދޫކޮށް ގޮސްފައިވާކަމަށް ވެސް ތަރުޖަމާނު ވަނީ ހާމަކޮށްފައެވެ. ހަމައެހެންމެ ގެދޮރު ގެއްލި މަގުމަތިވެފައިވާ 200،000 މީހުންގެ ދެބައިކުޅަ އެއްބަޔަކީ މި ސަރަހައްދުތަކަށް ނިސްބައިތްވާ އާންމު ރައްޔިތުން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އިސްރާއީލުގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ އާ ހަވާލާދީ އެގައުމުގެ ޑިފެންސް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި އެ އޮތޯރިޓީއިން އަންނަނީ ޣައްޒާ ސިޓީއާ ހަތަރު ކިލޯމީޓަރު ދުރުގައި މީހުން ދިރިއުޅެމުން އައި 25 އަވަށެއްގެ އިތުރުން ލުބުނާން ބޯޑަރާ ކައިރި ހިސާބުތަކުގައި އޮތް 28 އަވަށެއްގައި ދިރިއުޅެމުންދިޔަ ޖުމުލަ 120،000 ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމާ އިތުރު އެހީތައް ފޯރުކޮށްދެމުންނެވެ.
އެގައުމުގެ ޑިފެންސް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި ގެދޮރު ގެއްލިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހަނގުރާމައިގެ ސަބަބުން ބައެއް ސަރަހައްދުތަކުން ސަލާމަތީ ސަބަބުތަކަށްޓަކައި އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ މީހުންނާއި އެގައުމުގެ ދައުލަތުން ފޯރުކޮށްދެމުން އަންނަ ސަބްސިޑައިޒްގެ ދަށުން ހަނގުރާމަ ކުރާ ސަރަހައްދު ތަކުން ރައްކާތެރިވެ ހަމަޖެހިލުމަށް އެހެން ސަރަހައްދުތަކަށް ގޮސްފައިވާ މީހުންނެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ކުރިއަށްވުރެ ވަރުގަދަ ކޮށްފައިވާ މި ދަނޑިވަޅުގައި ހަމާސްއިން ވެސް އަންނަނީ އެޖަމާއަތުން ދެމުންދާ ހަމަލާތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގައި އޮންނަ ކިރިޔާތު ޝްމޯނާ އިން 23،000 މީހުން ނެރުމުގެ މަސައްކަތް އެގައުމުގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އޮތޯރިޓީ އިން ކޮށްފައިވާ ކަމަށާއި އަދި ޣައްޒާގެ ބޯޑަރު ކައިރި 14 އަވަށެއްގައި މިހާރުވެސް ދިރިއުޅެމުންދާ އެގައުމުގެ 11،000 ވުރެ ގިނަ ރައްޔިތުން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރެވެމުން ދާކަމަށް އިސްރާއީލުގެ ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.
މިހާރު މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެގައުމުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ ހަމާސްގެ އިންފްރާސްޓްރަކްޗާ ހަލާކުކޮށް، ހަމާސް ވުޖޫދުން ފޮހެލުމަށް ކުރަމުންދާ މަސައްކަތެކެވެ. މި ހަނގުރާމައިގައި އެ ޖަމާއަތް އެކީގައި ފޮހެލާނެ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.
ނަމަވެސް އިސްރާއީލުން ހަމާސް ޖަމާއަތް ނައްތާލުމުގެ ނަމުގައި އެ ޝިއާރު ކުރިއަށް ނެރެ ހަމަލާތައް ދެމުންދަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށާއި ހޮސްޕިޓަލްތައް ފަދަ ތަންތަނަށެވެ. އިސްރާއީލުގެ މި އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ ގިނަ އަދަދައްގެ އާންމު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!