މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިއަދު އިއުލާން ކުރައްވައިފިއެވެ.

ނަރީޝް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑިއަށެވެ.

Ad
rt

މާލޭގެ މޭޔަރު ކަމުގެ ޒިންމާއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ނަރީޝް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ވާގިފުޅާ އެކު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ނިންމަވާފައިވާ ކަމަށެވެ.

ނަރީޝް ވިދާޅުވި ގޮތުގައި މިއީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ނިންމެވި ނިންމެވުމެކެވެ.

"ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ދާއިރާގެ ތަރައްގީއަށް ސަރުކާރާއި އެކު މަސައްކަތްކުރެވޭނެ އަދި ހަގީގީ މާނައިގެ ސިޓީއެއްގެ ދަރަޖަ ކުޅުދުއްފުއްޓަށް ހޯދައިދޭން ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑުވާނެ." ނަރީޝް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީޕީއެމް ޕީއެންސީ މެންބަރުން އަޅުގަނޑަށް ތާއީދުކޮށްދެއްވާ ޕްރައިމަރީ ކާމިޔާބި ކޮށްދެއްވުން."

ނަރީޝް މާލެ ސިޓީ ކައުންސިލްގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގަތީ 2021 ވަނަ އަހަރުގައެވެ. މާލެ ސިޓީ ކައުންސިލުން އެންމެ ފަހުން ބޭއްވި ޖަލްސާއެއްގައި ނަރީޝް ވަނީ 2026 ވަނަ އަހަރާ ޖެހެންދެން، މާލެ ކައުންސިލްގައި ހުންނަވާނެ އެއް ބޭފުޅަކަށް އޭނާ ވާނެ ކަމަށެވެ.

އެ ޖަލްސާގައި ނަރީޝް ވަނީ މާލޭގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. މުއިއްޒުގެ މޭޔަރު ކަމުގެ ދަށުގައި މަލޭ ސިޓީ އަށް އެކި އެކި ގޮތްގޮތުން ލިބިފައިވާ ތަރައްގީ ފާހަގަ ކުރައްވައި ނަރީޝް ވަނީ އެމަނިކުފާނަކީ ހިންގުންތެރި ވެރިއެއް ކަމަށް ވިދާޅުވެފައެވެ. މާލެއަށް އެންމެން އެދޭނެ ތަރައްގީއެއް ގެނެސްދޭނެ ފަރާތަކީ ވެސް މުއިއްޒު ކަމަށް ނަރީޝް ވިދާޅުވިއެވެ.

"ކައުންސިލް ހިންގެވުމުގައި މިދިޔަ ދެ އަހަރެއްހާ ދުވަހު އަޅުގަނޑުމެންނަށް ކުރިމަތިވި ދަތި އުނދަގޫތައް އެއީ އެއްކޮށް ނެތި ގޮސްފައިވާ އުނދަގޫތަކެއްގެ ގޮތުގައި މަނިކުފާނުގެ ޒައާމަތުގައި ހައްދަވާދެއްވާނެކަމަށް އުންމީދު ކުރަން.". ނަރީޝް ވިދާޅުވިއެވެ.