ވަރޖިން އެޓްލާންޓިކްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
އިނގިރޭސިވިލާތުގެ މި އެއާލައިންގެ ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހެނދުނު 7:40 ގައެވެ.
މި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަންގެ ހީތުރޯ އެއާޕޯޓާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދުއެވެ. އަދި ހަފްތާއަކު 3 ދަތުރުކުރުމަށް ވަނީ ނިންމާފައެވެ.
މި ދަތުރުތައް ފެށުމާއި ގުޅޭގޮތުން އެމް.އޭ.ސީ.އެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މަހްޖޫބް ޝުޖާއު ވިދާޅުވެފައިވަނީ މިއީ ރާއްޖެއާއި އިނގިރޭސިވިލާތާއި ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތައް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އެގައުމުން ރާއްޖެ އަންނަން ބޭނުންވާ ފަތުރުވެރިންނަށް އިތުރު ލުއި ފަސޭހައަކަށް ވާނެ ކަމަށެވެ.
މި ފްލައިޓަށް ރާއްޖެއިން މަރުހަބާ ކިޔުމުގެ ގޮތުން ބޮޑުބެރުގެ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އަދި މަރުޙަބާ ކިޔުމަށް ބޭއްވި ހަފްލާގައި ރާއްޖޭގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލަރ، އެމް.އޭ.ސީ.އެލްގެ އިސްވެރިންނާއި އެ އެއާލައިންގެ ރާއްޖޭގެ އެޖެންޓު ވޮޔޭޖަސް މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!