ހުޅަނގު ގައުމުތަކުން ރޮނީ ހަނގުރާމައިގައި އިސްރާއީލްގެ މީހަކު މަރުވުމުން ކަމަށާއި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުށެއްނެތް އެތައް ބަޔަކު ޝަހީދުވަމުން ދާއިރު އެ މަންޒަރު ނުފެންނަ ވަރަށް އެމީހުން "ކަނުވެފައި" ތިބި ކަމަށް ސައުދީ އަރަބިއްޔާގެ ޕްރިންސް ތުރުކީ އަލް ފައިސަލް ވިދާޅުވެއްޖެއެވެ.

ހުސްޓަން ޔުނިވަސިޓީގައި ވާހަކަ ދައްކަވަމުން ޕްރިންސް ތުރުކީ ވިދާޅުވީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުގެ ދެކުނަށް ހަމާސްއިން ދިން ހަމަލާ އާއި އޭގެ ފަހުން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ވަރަށް ހަމާސް އާއި އިސްރާއީލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ހަމާސް އާއި އިސްރާއީލަކީ ބަތަލުންގެ ދަރަޖަ ދެވިގެންވާނެ ބައެއް ނޫންކަމަށާއި ދެބައިމީހުންގެ އަމަލުތަކުގެ ޝިކާރަކަށް ވެފައިވަނީ އާންމު ނިކަމެތި ރައްޔިތުން ކަމަށް ވިދާޅުވިއެވެ.

Ad
rt

ހަނގުރާމާގައި އެއްވެސް ހާލެއްގައި އާންމު ރައްޔިތުންނަށް ގެއްލުން ނުދިނުމަށާއި ހަމަލާތައް ނުދިނުމަށް ބާރުއަޅާފައިވާ އިރު، ހަމާސްއިން ރަހީނުކުރި ގިނަ މީހުންނަކީ ވެސް އިސްރާއީލުގެ އާންމު ރައްޔިތުން ކަމަށާއި މިއީ މުޅިން އިސްލާމީ އުސޫލުތަކާ ހިލާފު އަމަލެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޕްރިންސް ތުރުކީ ވަނީ އެ ތަގުރީރުގައި ހަމާސްއެކޭ އެއްފަދައިން އިސްރާއީލުގެ އަމަލުތައް ވެސް ކުށްވެރި ކުރައްވާފައެވެ. އެގޮތުން އޭނާ ފާހަގަކޮށްފައިވާ ގޮތުގައި އިސްރާއީލުން އަންނަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ ތަންތަނަށް އަމާޒުކޮށް ބޮންއަޅަމުން ކަމަށާއި، ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އާންމު ރައްޔިތުންގެ ތެރެއިން ކުޑަކުދިންނާ އަންހެނުންވެސް ހިމެނޭނެހެން ތަފާތުކުރުމެއް ނެތި ކުށެއްނެތް އެތައް ބަޔަކު އިސްރާއީލުގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަން ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހިސޯރުކޮށްފައިވާ ޣައްޒާގެ ރައްޔިތުންނަށް އެ ހިސޯރުކުރުމާ ދެކޮޅުހަދައި ތެދުވުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނާއި އިސްރާއީލްއާ ދެމެދުގައި މިހާރު ހިނގަމުންދާ ހަނގުރާމާ އާ ގުޅިގެން ސައުދީ އަރަބިއްޔާގެ ޕްރިންސް ތުރުކީ ދެއްވި ތަގުރީރު ވެގެން ގޮސްފައިވަނީ ސައުދީގެ ޝާހީ އާއިލާގެ އިސް މެންބަރަކު މި މައްސަލައާ ގުޅިން ފަހުގެ ތާރީހެއްގައި ދެއްވި އެންމެ ތެދުވެރި ތަގުރީރުކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި މި ތަގުރީރުގައި ތުރުކީ އަލް ފައިސަލް ދެއްކެވި ވާހަކަތަކުގެ ސަބަބުން ސައުދީގެ ޝަހީ އާއިލާ އާއި ލީޑާޝިޕުން، މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅޭގޮތުން ވިސްނުން ގެންގުޅުއްވާ ގޮތް ވަރަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.