ސައުދީ ޕްރޮފެޝަނަލް ލީގުގައި ރޭ އަލް ނަސްރާއި ދަމަކް ކުލަބް ބައްދަލުކުރި މެޗު އަލް ނަސްރުން ކާމިޔާބު ކޮށްފިއެވެ.
ސީޒަންގެ ފުރަތަމަ މެޗުތަކުގައި ދަށް ނަތީޖާތަކެއް ނެރުނު ނަމަވެސް އަލް ނަސްރުން މިހާރު އަންނަނީ ލީގުގައި މޮޅަށް ކުޅެމުންނެވެ. ރޭ ލިބުނު ތިން ޕޮއިންޓާއިއެކު އަލް ނަސްރު ވަނީ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އަލް ނަސްރަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް އަލް ތާވުން އަށް ލިބިފައި ވަނީ 10 މެޗުން 23 ޕޮއިންޓެވެ. މިވަގުތު ތާވަލުގެ އެއްވަނާގައި އޮތީ އަލް ހިލާލެވެ. އެ ޓީމަށް 10 މެޗުން ވަނީ 26 ޕޮއިންޓް ލިބިފައެވެ.
ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ދަމަކް އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފަހު ވަގުތު އެ ޓީމަށް ޖަހައިދިނީ ކޮއުޑޫއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ސްޓެންކިއޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ފުރަތަމަ ހާފު ނިމުނީ ދަމަކް ކުރީގައި އޮވެގެންނެވެ.
ނަމަވެސް ދެވަނަ ހާފުގައި އަލް ނަސްރުން ވަނީ ނަތީޖާ އަނބުރާލާފައެވެ. އެ ޓީމަށް ފުރަތަމަ ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޓަލިސްކާއެވެ. އޭގެ ހަތަރު މިނެޓް ފަހުން ދަމަކްގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ރޮނާލްޑޯ ވަނީ ލަނޑުޖަހައި އަލް ނަސްރަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!