މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކޮށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސް ކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
މުއިއްޒު އެގޮތަށް ގޮވާލެއްވީ، ހދ. މަކުނުދޫގައި ގޭސް ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މަރުވެފައިވަނިކޮށެވެ.
މުއިއްޒު ވިދާޅުވީ މަކުނުދޫގައި ހިނގައިދިޔަ ހިތާމަވެރި ހާދިސާގައި ދެ މީހަކު މަރުވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށެވެ. މަކުނުދޫގައި އެފަދަ ހާދިސާއެއް ހިނގި އިރު، ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި މިދިޔަ ބުރާސްފަތި ދުވަހު އެފަދަ ހާދިސާއެއް ހިނގައި ބަޔަކަށް ވަނީ ޒަހަމްވެފައެވެ.
މުއިއްޒު ވިދާޅުވީ މި ދެ ހާދިސާ ހިނގުމަށް މެދުވެރިވި ގޮތް ތަހުގީގުކޮށް، މިފަދަ ހިތާމަވެރި ކަންކަން ތަކުރާރު ނުވާނެ ހެން ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކަމާގުޅޭ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.
"މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ދެ ހާދިސާވެސް ހިނގާފައިވަނީ މަސައްކަތުގެ މާހައުލުގައިކަމުން، މިފަދައިން މެދުވެރިވާ ހާދިސާތައް މަދުކޮށް މަސައްކަތްތެރީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، މުޅި މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޒިންމާދާރުކަމާއި ފަރުވާތެރިކަން އިސްކުރުމަށްވެސް ގޮވާލަމެވެ."މުިއއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ނިޒާމީ ގޮތެއްގައި މިފަދަ މައްސަލަތަކަށް ހޯދަން ޖެހޭ ހައްލު ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލްގެ މަސައްކަތް އަވަސްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!