ދުނިޔޭގެ ނިސްބަތުން މިނިކާވަގުގެ އާބާދީގެ 75 އިންސައްތަ ދިރިއުޅެނީ އިންޑިާގެ ޖަންގަލިތަކުގައެވެ. އެގޮތުން ދާދިފަހުން ކުރި ދިރާސާއަކުން ހާމަވިގޮތުގައި މިފަހަކަށް އައިސް މިނިކާވަގުގެ އާބާދީ އެ ގައުމުގައި އަންނަނީ އިތުރުވަމުންނެވެ. ނަމަވެސް ވަކި ސަބަބެއް ނޭނގި ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ގިނަ އަދަދައްގެ މިނިކާވަގު މަރުވެފައިވާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިންޑިއާގެ ނޭޝަނަލް ކޮންޒަވޭޝަން އޮތޯރިޓީ (އެންޓީސީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ނުވަމަސް ދުވަހުގެ ތެރޭގައި އިންޑިއާގައި 145 މިނިކާވަގު މަރުވެފައިވާކަމަށް ރެކޯޑު ކުރެވިފައި ވާއިރު މިއީ ފާއިތުވި ތިން އަހަރަށް ބަލާއިރު ވެސް ރެކޯޑް އަދަދެކެވެ. މީގެއިތުރުން 2020 ވަނަ އަހަރު 106 މިނިކާވަގު، 2021 ވަނަ އަހަރު 127 މިނިކާވަގު އަދި މިދިޔަ އަހަރު 116 މިނިކާވަގު މަރުވެފައިވާކަމަށް ވަނީ ރެކޯޑު ކުރެވިފައެވެ. އެންޓީސީއޭ އިން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގައި އެންމެ ގިނައިން މިނިކާވަގު މަރުވެފައިވާކަމަށް ރެކޯޑުކުރެވިފައި ވަނީ މަދްޔަ ޕްރެދޭޝްގެ އިތުރުން މަރާރާސްތުރާ އާއި އުއްތަރަކަންދުގެ ޖަންގަލީގެ އެކި ހިސާބުތަކުންނެވެ.
ފާއިތުވި ތިން އަހަރު އިންޑިއާގައި ކުރިއަށް ގެންދެވުނު މިނިކާވަގުގެ ބޯހިމެނުންތަކުން ދެއްކި ގޮތުގައި އެގައުމުގައި އަންނަނީ ހަލުވިކަމާއެކު މިނިކާވަގުގެ އާބާދީ އިތުރުވަމުންނެވެ. އެގޮތުން 2018 ވަނަ އަހަރު ކުރިއަށް ގެންދެވުނު މިނިކާވަގުގެ ބޯހިމެނުމުން އެގައުމުގައި 2967 މިނިކާވަގު ދިރިއުޅެމުން ދާކަން ހާމަވިއިރު، 2022 ވަނަ އަހަރު ކުރިއަށް ގެންދެވުނު ބޯހިމެނުމުން ވަނީ 3682 އަށް މިނިކާވަގުގެ އާބާދީ އިތުރުވެފައިވާކަން ހާމަވެފައެވެ.
މިނިކާވަގުތައް ރެކޯޑުއަދަދަކަށް މަރުވާން ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން އިންޑިއާގެ ވައިލްޑްލައިފް ގްރޫޕް ސީއެލްއޭޑަބްލިއު ގެ ކޯ ފައުންޑަރ އަދި ކޮންޒަވޭޝަން ފޮޓޯގްރާފަރު ސަރޯޝް ލޯދީއާ ބުނެފައިވާ ގޮތުގައި އިންޑިއާގައި އެކި ބޭނުންތަކަށް ގަސްތައް ކެނޑުމާއި ލައިނަރ ޑިވެލޮޕްމަންޓް މަޝްރޫއުތަކުން ސީދާ އަސަރު މިނިކާވަގުގެ އާބާދީ މަދުވުމަށް ނުކުރި ކަމުގައި ވީނަމަވެސް ކާނާއާއި ފެން ލިބޭގޮތަށް ދިރިއުޅެވޭނެ ޖާގަ ކުޑަވުމުގެ ސަބަބުންނާއި އިންސާނުންގެ ތަފާތު ހަމަލާތަކުގެ ސަބަބުން މަރުވާ މިނިކާވަގުގެ އަދަދު އިތުރުވުމަކީ އެސޮރުމެންގެ އާބާދީއަށް ސީދާގޮތެއްގައި އަސަރު ކުރަމުންދާ ކަންކަމެވެ.
މިކަންކަމަކީ ކަމާބެހޭ ފަރާތްތަކުން މިނިކާވަގުގެ މަރުތައް ރެކޯޑުކުރާއިރު ގުދުރަތީ މަރުތަކެއްގެ ގޮތުގައި ބަލާ ނަމަވެސް މަރުވުމުގެ ފަހަތުގައިވާ ހުރިހާ ސަބަބުތަކަކާ އެކުގައި ރެކޯޑު ކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ސަރޯސް ލޯދިއާ ވަނީ ބުނެފައެވެ.
ޝިކާރަކުރުމާއި، ކަރަންޓުގައި ޖެއްސުމާޢި، އިންސާނުންގެ ފަރާތުން ކުރިމަތިވާ ތަފާތު އަނިޔާތަކުގެ ސަބަބުން ވެސް އިންޑިއާގައި މިނިކާވަގުގެ އާބާދީއަށް އަސަރު ކުރަމުންދާ ކަމަށާއި، މިނިކާވަގު މަރުވާ އަދަދު ފާއިތުވި ތިންއަހަރު 20 އިންސައްތައަށް ވުރެ އިތުރުވާނަމަ އެއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށާއި އެކަން ވަގުތުން ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭނެކަމަށް ސަރޯސް ލޯދިއާ ވަނީ ފާހަގަކޮށްފައެވެ.
މިނިކާވަގު މިހާ ގިނަ އަދަދަކަށް ކޮންމެ އަހަރެއްގައި މަރުވުމަކީ އޭގެ ސަބަބުން މިނިކާވަގުގެ އާބާދީ ދަށްވެ، ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމެއްކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!