ފަލަސްތީނުުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް ހަމަހިމޭން ހިނގާލުމެއް ބާއްވަައިފިއެވެ.

ދިވެހި ޖަމިއްޔާއެއް ކަމަށްވާ "ރައިޓް މޫވްމަންޓް" އިން އިންތިޒާމުކޮށްގެން މާލޭގައި ރޭ ބޭއްވި މި ހިނގާލުމުގައި ގިނަ އަދަދެއްގެ މީހުންނާއި ކުޑަކުދިން ބައިވެރިވެފައިވާއިރު، މި ހިނގާލުމުގެ ބައިވެރިން ވަނީ އިސްރާއީލް ބޮއިކޮޓްކޮށް، ޕާސްޕޯޓް މަނާކުރުމަށް ގޮވައިލާފައެވެ.

Ad
rt

މީގެ އިތުރުން ތަފާތު އެކި ޝުއޫރުތައް ވަނީ ހާމަކޮށްފައެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ތިބިކަމާއި އެމީހުން އެކަނިވެރިކޮށް ނުލާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

ސޯޝަލް ސެންޓަރު ކައިރިން ފަށައި، އާޓިފިޝަލް ބީޗަށް ނިންމާލި މި ހިނގާލުމުގެ ބައިވެރިން ތިބީ ޣައްޒާ މިނިވަން ކުރުމަށާއި ފަލަސްތީނުގެ ދިދަ އާއި އެގައުމުގެ ރައްޔިތުންނާ އެކުގައި ތިބި ކަން ހާމަކޮށްދޭ ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އަދި އިސްރާއީލްގެ ލާއިންސާނީ ޢަމަލުތަކާ މެދުގައި ނުރުހުންވާކަން ހާމަކޮށް ލިޔެފައިވާ ތަފާތު ޝުއޫރުތައް ވެސް ހިމެނޭ ބޯޑުތައް ގެންގުޅެނެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަނގުރާމައެއް ފެށިފައިވަނީ ފަލަސްތީނު ރައްޔިތުންނަށް މިނިވަންކަން ހޯދައި ދިނުމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، އިސްރާއީލާ ދެކޮޅަށް މި މަހުގެ 7 ވަނަ ދުވަހު ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ.

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން މިހައިތަނަށް 4،137 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެއެވެ. އަދި 13،260 މީހުން ޒަޚަމްވެފައިވާއިރު، ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުން މަރާލާފައިވަނީ 1،403 މީހުންނެވެ. އަދި 4،932 މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.