އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނުއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އާ ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުސަތު މި ސަރުކާރުން ދީފައިވާ ކަމަށެވެ. އެގޮތުން އެއް ކަމެއްގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވާނީ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމަ، ކޮންމެ ޓަވަރަކަށް އިރާދަކުރެއްވިއްޔާ ދެ ލިފްޓު އަންނާނެ. ޔަގީންކަން ދެނީ އަޅުގަނޑުމެން ވީ ވައުދާ އެއްގޮތަށް ހުރިހާ ކަމެއް ތަންފީޒުކޮށްދޭނަމޭ." މުއިއްޒު ވިދާޅުވިއެވެ.
މިއީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު، މުއިއްޒު ހިޔާ ސަހަރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި މި ސަރަހައްދުން މުއިއްޒަށް ވަރަށް ބޮޑު ތާއީދެއް ލިބުނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!