ފުލުހުން ޓޯ ކުރި ކާރެއް ނައްތާލުމުން 250،000ރ. ގެ ބަދަލެއް ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ 2019 ވަނަ އަހަރު ޓޯކުރި ކާރެއްގެ މައުލޫމާތު އާންމު ކުރުމެއް ނެތި ކާރު ނައްތާލާފައިވާތީ އެވެ. ފުލުހުން ޓޯ ކުރާ އުޅަނދުތައް ނައްތައި ލެވޭނީ އެ އުޅަނދެއްގެ މައުލޫމާތު އާންމު ކުރުމަށް ފަހު އެވެ.

Ad
rt

ކާރުގެ ވެރިފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރުމުން ކޯޓުން ކުރި ހުކުމުގައި ވަނީ ޓޯ ކުރާ އުޅަނދުތައް ނައްތައިލުމުގެ ކުރިން އުޅަނދުގެ މައުލޫމާތު އާންމު ކުރަންޖެހޭނެ ކަމަށްގާނޫނުގައި ބުނާއިރު، އެ ކާރު ޓޯ ކުރި ކަން ފުލުހުންގެ ވެބްސައިޓްގައި އާންމުކުރީ ކާރު ނައްތާލި ފަހުގެ ތާރީހެއްގައި ކަމަށެވެ.

ފުލުހުންގެ އެ އަމަލުގެ ސަބަބުން ކާރުގެ ވެރިފަރާތަށް އޭނާގެ މުދަލެއް ގެއްލިފައިވާތީ އެކަމުގެ ބަދަލު ފުލުހުން ދޭން ޖެހޭނެ ކަމަށް ހުކުމުގައި ވެ އެވެ.

ކޯޓުގެ ހުކުމުގައި ވަނީ އެ ބްރޭންޑްގެ ކާރެއްގެ އަގު ކަމަށްވާ 250،000ރ. އެއް މަސް ތެރޭގައި ދައުލަތުން ކޯޓަށް ދައްކަން ޖެހޭނެ ކަމަށެވެ.