އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ޝަހީދުވެ، ލައްކައެއްހާ އާންމު ރައްޔިތުންގެ ގެދޮރު ގެއްލިފައިވާ އިރު، ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅަމުން ދާކަމަށް މިސްރުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މިސްރުގެ ކަމާބެހޭ ފަރާތްތަކުން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިސްރު ފަޅިން ފަލަސްތީނުގެ ޣައްޒާއަށް ވަދެވެން އޮތް ހަމައެކަނި މަގު ކަމުގައިވާ ރަފަހް އަށް އިސްރާއީލުން ދަނީ ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން މިސްރުން އެހީގެ ތަކެތި ހިފައިގެންދާ ބައެއް ޓުރަކްތަކަށް ގެއްލުންވެ، ޓުރަކްތަކަށް ޣައްޒާއަށް އެތެރެ ވުމަށް ހުރަސް އެޅިފައި ވުމުގެ ސަބަބުން އެތައް ސަތޭކަ ޓަނެއްގެ އެހީ ހުއްޓިފައިވެއެވެ.
"އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފުތައް ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ މަގެއް އަޅުގަނޑުމެން މިދަނީ ބަލަމުން. ނަމަވެސް މިހާތަނަށް އައިއިރު ވެސް އިސްރާއީލު ސަރުކާރުން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީގެ ޓުރަކްތަކަށް ވަދެވޭނެހެން ރަފަހް ބޯޑަރު ހުޅުވައި، އެހެން ގައުމުތަކަށް ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވެވޭނެ މަގު ފަހިކޮށްދިނުމަށް އެއްވެސް ކަމެއް ކުރަމުން ނުދޭ... ބަދަލުގައި މި މަސައްކަތައް ދަތިވާނެހެން އިސްރާއީލުން އަމަލުތައް ބަހައްޓަމުން އަންނަނީ" މިސްރުގެ ފޮރިން މިނިސްޓަރު ސަމީހު ޝައުކްރީ ނޫސްވެރިންނަށް ވިދާޅުވިއެވެ.
ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އެތައް ރައްޔިތުންގެ ގެދޮރު ގެއްލި ކުރިމަތިވެފައިވާ ތަކުލީފުތައް އާ އުސްމިންތަކަކަށް ގޮސްފައިވާއިރު، އިސްރާއީލުން ވަނީ ވަށާލެވިފައިވާ އެންކްލޭވްގެ 2.3 މިލިއަން ރައްޔިތުންނަށް ކާނާއާއި ފެނާއި ތެލާއި ކަރަންޓް ފޯރުކޮށްދިނުން ހުއްޓާލައި އެހެން ގައުމުތަކުން ވެސް މިތަކެތި ފޯރުކޮށްދިނުމަށް ހުރަސް އަޅާފައެވެ. ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ 2،800 އަށް ވުރެ ގިނަ މީހުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ޝަހީދުވެ 10،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
އިސްރާއީލުގެ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުން ދާއިރު، ހަލުވިކަމާއެކު ޣައްޒާގެ ހާލަތު އަންނަނީ ގޯސްވަމުންނެވެ. މިކަމުގެ ސަބަބުން އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި މެޑިކަލް ޖަމިއްޔާތަކުން އަންނަނީ ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށާއި ވީ އެންމެ އަވަހަކަށް ހަނގުރާމަ ހުއްޓާލައި ގައުމުތަކުން ޣައްޒާއަށް ފޮނުވާފައިވާ އެހީތައް އެ ސިޓީއަށް ވެއްދުމުގެ ފުރުސަތު ދިނުމަށް ގޮވާލަމުންނެވެ.
ހަމާސްއިން އިސްވެ އިސްރާއީލަށް ހަމަލާތައް ދިނުމުގެ ސަބަބުން، ރައްދުގައި އިސްރާއީލުން ދެމުންދާ ހަމަލާތައް ދުވަހެއް ދުވަހަކަށް ވަރުގަދަ ކުރަމުން ދާއިރު، ފަލަސްތީނުން ހަމާސް ފޮހެލާނެކަމުގެ އިންޒާރުދީ އެ ގައުމުގެ އަސްކަރިއްޔާއިން އަންނަނީ އެއްގައުމަގުން ޣައްޒާއަށް އެރުމަށް ތައްޔާރުވަމުންނެވެ. އިސްރާއީލުގެ މި ނިންމުމުގެ ސަބަބުން އީރާނުން ވަނީ އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އަރައިފިނަމަ އެ މަންޒަރު ބެލުމަށް ދުރުގައި ނުތިބޭނެކަމަށް ބުނެ އިސްރާއީލަށް އިންޒާރު ދީފައެވެ.
އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އަރައިފިނަމަ މިހާރުވެސް ރައްކާތެރިކަމެއް ނެތް ފަލަސްތީނުގައި ދިރިއުޅެމުންތާ އެތައް ހާސް ރައްޔިތުންނެއް އިތުރަށް ބިކަވެ، އެތައް ހާސް ބަޔަކު ޝަހީދުވެ ހިނގައިދާނެކަމަށް މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން އަންނަނީ ހާމަކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!