"ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު" ފުރަތަމަ ވޮލިއުމް ފޮތް ނެރެފިއެވެ.
މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ލިޔުއްވާފައިވާ ފޮތެކެވެ. ދިވެހި ބަހުން ފަސޭހައިން ދޭހަވާނެ ގޮތަށް ލިޔުއްވާފައިވާ މިފޮތް ނެރެފައިވަނީ މިއަދުއެވެ.
މަހާޒްގެ ބްލޮގުގައި އޭނާ ވިދާޅުވެފައިވަނީ 444 ސަފްހާގެ މި ބަޔަކީ މީގެ ހަ ވޮލިއުމްގެ ތެރެއިން ފުރަތަމަ ބައި ކަމަށާއި މުޅި ތަފްސީރު ނިމޭނީ ޖުމްލަ ހަ ވޮލިއުމުން ކަމަށެވެ. އަދި ކޮންމެ ވޮލިއުމެއްގައި ގުރުއާނުގެ ފަސް ފޮތް ހިމެނޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއީ 2015 ވަނަ އަހަރު އޭނާ ފެއްޓެވި މަސައްކަތެއް ކަމަށާއި އެކަން ފެއްޓެވީ މަހާޒްގެ ކޮއްކޮ ނިހާޒް ގުރުއާން ތަރުޖަމާއާ އެކު ނެރުނު މޯބައިލް އެޕް "ގުރުއާން އެމްވީ" ގައި ހިމެނި ތަރުޖަމާއާ ގުޅޭ ގޮތުން ދީނީ އިލްމުވެރިންނާއި އެކި ފަރާތްތަކުން ލިބެމުން ދިޔަ ހިޔާލާއި ޝަކުވާތަކާ ގުޅިގެން ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
"މި ފޮތް ލިޔުމުގަ ސައޫދީ ސަރުކާރުން ޝާއިއު ކޮށްފައިވާ، "އައްތަފްސީރުލް މުޔައްސިރު" އާއި "އަލްމުޚްތަޞަރު ފީ ތަފްސީރިލް ޤުރާނިލްކަރީމް" އަށް ބަރޯސާވިން. އަދި ކަޘީރުގެ ތަފްސީރާއި ތަފްސީރު ޤުރުޠުބީ ފަދަ ތަފްސީރުތައް ވެސް އެކި މައުލޫއުތަކުގައި ބަލާފައިވާނެ." މަހާޒު ވިދާޅުވިއެވެ.
މިއާއެކު މި ތަފްސީރު ތަފާތުވަނީ ކޮންމެ އާޔަތެއްގެ ތަފްސީރު ފަރުވާތެރިކަމާ އެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދީފައިވާތީ ކަމަށާއި ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ އިބާރާތް ބޭނުން ކުރުމަށް ބާރު އަޅާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ލިޔުމުގައި ދެތިން ތަންކޮޅެއްގައި ނޫނީ މުޅިން ވެސް ބޭނުން ކޮށްފައި ހުންނާނީ ތާނަ އަކުރުކަން ވެސް އޭނާ ފާހަގަކުރައްވާފައި ވެއެވެ.
390 ރުފިޔާ އަށް ލިބޭ މި ފޮތް މާލެ އާއި ހުޅުމާލޭގެ ނޮވެލްޓީ ބުކްޝޮޕުން މިހާރު ލިބެން ހުންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!