ޔޫރޯ ކޮލިފައިންގެ ގްރޫޕް ޖޭގައި ރޭ ޕޯޗުގަލްއާއި ބޮސްނިއާ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ޕޯޗުގަލް ކާމިޔާބުކޮށްފިއެވެ. ބޮސްނިއާގައި ރޭ ކުޅުން މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.

ޔޫރޯ ކޮލިފައިންގައި މިހާތަނަށް ޕޯޗުގަލުން ކުޅުނު އަށް މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މީގެ ތިންދުވަސް ކުރިން ޕޯޗުގަލުން ވަނީ ސޮލަވާކިއާ ބަލިކޮށް އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯއިން ޖާގަ ކަށަވަރު ކޮށްފައެވެ. ވުމާއެކު ރޭ މެޗަށް ނުކުތް އިރުވެސް އެ ޓީމް އޮތީ ކޮލިފައިވެފައެވެ.

Ad
rt

ރޭ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި ޖެހި ފަސްލަނޑު ވެސް ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ.

ރޭ މެޗުގައި ޕޯޗުގަލްއަށް ފުރަތަމަ ދެ ލަނޑު ކާމިޔާބު ކޮށްދިނީ ރޮނާލްޑޯއެވެ. މި ދެ ލަނޑާއިއެކު އޭނާ ގައުމީ ޓީމަށް ޖަހައިދިން ލަނޑުގެ އަދަދު ވަނީ 127 އަށް އަރާފައެވެ. އަނެއް ތިން ލަނޑު ޕޯޗުގަލް އަށް ޖަހައިދިނީ ބްރޫނޯ ފެނާންޑްގެ އިތުރުން ކެންސެލޯއާއި ފެލިކްސްއެވެ.

ގްރޫޕްގެ އެއްވަނާގައި ޕޯޗުގަލް އޮތީ ކުޅުނު 8 މެޗުން ލިބުނު 24 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ސްލޮވާކިއާއަށް ލިބިފައި ވަނީ 8 މެޗުން 16 ޕޮއިންޓެވެ. ތިންވަނާގައި އޮތް ލަކްސެމްބާގަށް 8 މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު ހަތަރު ވަނާގައި އޮތް އައިސްލެންޑަށް 8 މެޗުން ލިބިފައި ވަނީ 10 ޕޮއިންޓެވެ. ރޭ ޕޯޗުގަލް އަތުން ބަލިވި ބޮސްނިއާ އޮތީ މި ގްރޫޕްގެ ފަސްވަނާގައެވެ. އެ ޓީމަށް 8 މެޗުން ލިބިފައި ވަނީ 9 ޕޮއިންޓެވެ.