އައިޖީއެމްއެޗްގެ ނެޝަނަލް ކާޑިއެކް ސެންޓަރާއި ނާރުގެ ބަލިތަކުގެ ހާއްސަ ސެންޓަރުގެ ހިންގުން ހަވާލުކޮށްފައިވާ ފަރާތްތަކަށް މި ސަރުކާރުން 5.3 މިލިއަން ޑޮލަރު ނުދައްކާ ހުރިކަން ފާހަގަވެފައިވާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ އައިޖީއެމްއެޗް ތެރޭގައި ބައެއް ހާއްސަ ފަރުވާދޭ ތަންތަން ހުރިއިރު، އެ ތަންތަނުގައި ބައެއް ފަހަރު ބޭރުގެ ހޮސްޕިޓަލްތަކާއި ކުންފުނިތަކުން ހިދުމަތްދޭ ކަމަށެވެ.

Ad
rt

އެގޮތުން ހިތުގެ ބަލީގެ ސެންޓަރާއި ނާވް ސެންޓަރު ހިންގާ ކުންފުނިން ދޭ ހިދުމަތަށް ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެ ކުންފުނިތަކުން ސެންޓަރުތައް ފޯރުކޮށްދެމުންދާ އެކި އެކި ސާމާނުތަކާއި ގުޅޭ ބިލްތައް ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިތުގެ ފަރުވާއަށް ބޭނުންވާ ސްޓަންޓް، ބެލޫން، އެންޖީއޯ ގްރާމް ހެދުމަށް ބޭނުންކުރާ އެކި ކަހަލަ ސާމާނު ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި ބިލްތައް ނުދައްކާ ހުރުމުގެ ސަބަބުން މި ސެންޓަރުގެ ހިދުމަތް ހުއްޓުމަކަށް އައުން އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން އައިޖީއެމްއެޗްއަށް މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން އަހަރުގެ ބާކީ އޮތް މުއްދަތަށް ފައިސާ ހަމަޖެހިފައިވަނީ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަނި ކަން ފާހަގަވެފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އަދި އެހެނިހެން ކަންކަމުގެ ގޮތުގައި މަރާމާތަށް ބޭނުންވާ ފައިސާ އާއި މެޝިނަރީގެ މަރާމާތާ ގުޅޭ ވަރަށް ގިނަ ކަންކަން ފައިސާ ނެތިގެން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރްޒުލް ވިދާޅުވީ ސިއްހީ މަރުކަޒުގެ މޮޑެލްއަކީ ހޮސްޕިޓަލްތައް ހިންގުން ހެލްތު މިނިސްޓްރީގެ ދައުރެއް ނެތި ހިންގުން ކަމަށެވެ. އެތަންތަން ހިންގަނީ ރައީސްގެ ގަރާރަކުން ވަކި ބޯޑަކުންކަމަށާއި، ކަންބޮޑުވުމަކީ އެތަންތަނަށް ހެލްތު މިނިސްޓްރީގެ ދައުރު ނެތުންކަމަށް ފިރުޒުލް ވިދާޅުވިއެވެ. އެއީ ސިއްހީ ދާއިރާގެ މުހިންމު ތަންތަން ނަމަވެސް، ހެލްތު މިނިސްޓްރީގެ ދައުރު ނެތުމުން ފެންވަރާ މެދު ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

"މި މޮޑެލް ބޭނުން ކުރުމުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ ދައުރު ހޮސްޕިޓަލުތައް ހިންގުމުގައި ނުހިމެނުމުގެ ނަތީޖާއެއްގެ ގޮތުން އެތަންތަން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުގައި ވަރަށް ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައި، އެތަންތަނުން އެއް ހަމައަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ވަރަށް ބޮޑެތި ފަރަގުތަކެއް އެބަހުރި." ފިރުޒުލް ވިދާޅުވިއެވެ.