ބ. ފުޅަދޫ ކައުންސިލްގެ ރައީސް އަލީ އަޒުހަރު ޕީއެންސީ އާ ގުޅިއްޖެއެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި ހުންނެވި އަޒުހަރު، ޕީއެންސީ އާ ގުޅުނީ މިއަދުއެވެ. އޭނާ ޕީއެންސީ އާ ގުޅުމަށްފަހު، މެމްބާޝިޕް ފޯމު ހަވާކޮށްފައިވަނީ ޕީއެންސީގެ ރައީސް އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެވެ.

Ad
rt

މިކަމަށްޓަކައި ބޭއްވި ކުޑަ ރަަސްމިއްޔާތެއްގައި ފޯމު ހަވާލުރުމަށްފަހު އަޒުހަރު ވިދާޅުވީ ޕީއެންސީއަށް ސޮއިކުރަން ނިންމީ އައު ސަރުކާރުގެ ސިޔާސަތުތައް ގަބޫލުކުރެވި، ދާއިރާއާއި ފުޅަދޫގެ ރައްޔިތުންގެ ކުރިމަގަށްޓަކައި ކަމަށެވެ.

މީގެ އިތުރުން އަލަށް އުފެދޭ ސަރުކާރުގައި އެ ދާއިރާއާއި ރަށަށް މާ ބޮޑަށް ކުރިއެރުން ލިބޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޕީއެންސީއާ އެކު ދާއިރާއާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މުއިއްޒުގެ ސަރުކާރުގައި މާ ގިނަ، މާ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު މިހާރު ގެންދަވަނީ އިންތިގާލީ މަރުހަލާގެ ކަންކަން ކުރައްވަމުންނެވެ.

އެގޮތުން، ސަރުކާރު އެކުލަވައިލުމާއި އަދި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަން ޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އިންތިޚާބީ ރައީސް ހުވާ ކުރެއްވުން އޮންނާނީ ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.