އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި އިއްޔެފަތިހު މަހަށް ނިކުތް މީހާ އަދިވެސް ނުފެންނަ ކަމަށް ގައުމީ ދިފާއީ ބާރުން ވިދާޅުވެއްޖެއެވެ.
އެ އިދާރާ އިން މީޑިއާ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ހުއްޓުމެއްނެތި ކުރަމުން ކަމަށެވެ. އަދި އެމީހާ ހޯދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއެކު އދ ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
މީގެ އިތުރުން ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ‘ހަކުރާ’ އާއެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ހަރަކާތްތެރިވަމުންދާ ކަމަށާއި މީގެ އިތުރުން ޑޯނިއަރ އެއަރކްރާފްޓް ވެސް ވައިގެ މަގުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އިތުރަށް ވިދާޅުވެފައިވަނީ އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ އިއްޔެ 11:42 ހާއިރު ކަމަށެވެ. އަދި އެއީ 68 އަހަރުގެ މީހެއް ކަމަށާއި އެ މީހާ އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
އެ އިދާރާ އިން ވިދާޅުވީ މަހަށް ދިޔަ ދޯނި އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެގެ ހެނދުނު 9 އާއި 9:30 އާ ދެމުދު ވަގުތެއްގައި އެ ދޯނި ބަޔަކަށް ފެނިފައިވާ ކަމަށެވެ. އަދި މި ދޯނިން މަހަށް ދިޔަ ފިރިހެން މީހާ ގެއްލުނުއިރު، ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި މީހާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބައްލަވައިދެއްވުމަށް ފުުހުން ވަނީ އެދިލައްވާފައެވެ.
މީގެ އިތުރުން މީނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ނުވަތަ ފެކްސް ކުރައްވާނަމަ 3391665 ނަންބަރަށް ފެކްސް ކުރެއްވުމަށް ވެސް ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!