ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގި ކަމަށް ތުހުމަތު ކުރާ ހިޔާނާތްތަކަށް ވުރެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތްތައް ގިނަ ކަމަށް ވިދާޅުވެ، އެކަން ބައްލަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ "އަލް ޖަޒީރާ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންތަކާއި އެމަނިކުފާނަށް އެކަމާ ގުޅިގެން ކޮށްފައިވާ ދައުވާތަކަކީ ޕީޕީއެމްއަށް ފިލާވަޅުތަކެއް ލިބުނު ކަމެއްތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ހިނގައި ދިޔަ ކޮރަޕްޝަންގެ މައްސަލަތައް ވެސް ބައްލަވާނެ ކަމަށެވެ. އެކަމަކު، އެ ސަރުކާރަށް ވުރެ މި ސަރުކާރުގެ ހިޔާނާތް މާ ގިނަ ކަމަށް ލަފާ ކުރެއްވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން (ޔާމީން ވެރިކަމުގައި ހިންގި ހިޔާނާތް) އެފަދަ ހުރިހާ މައްސަލައެއް ބަލާނެ ހެން. (އެކަމަކު) މި ސަރުކާރުގައި އެފަދަ މާ ގިނަ (ހިޔާނާތުގެ) މައްސަލަ އެބަހުރި،" ޔާމީންގެ ސަރުކާރުގައި ހިންގި ކޮރަޕްޝަންތަކާއި އެމަނިކުފާނަށް އެކަމާ ގުޅިގެން ކޮށްފައިވާ ދައުވާތަކަކީ ޕީޕީއެމްއަށް ފިލާވަޅުތަކެއް ލިބުނު ކަމެއްތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެންބަރުން ވެސް އެ ބޭފުޅުންގެ އަމިއްލަ ސަރުކާރުގެ ވައްކަމުގެ ވާހަކަތައް ދައްކަމުން ދިޔަ ކަމަށެވެ. ރައްޔިތުންގެ ފައިސާއިން މިއިން ދުވަހަކު ވައްކަން ނުކުރާ ވަރަށް ވައްކަންކޮށްފައިވާ ކަމަށް އެ މެންބަރުން ވެސް ވިދާޅުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފަ އެވެ. އެ ފައިސާތަކަށް ވީ ގޮތެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ވެންޓިލޭޓަރުތައް ރާއްޖޭގައި ހުންނަން ޖެހޭ. އެކަމަކު، އެ ވެސް ނުލިބޭ. އެކަން ވީ ގޮތެއް އެނގުނީކީ ނޫން." މުއިއްޒު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށާއި މިހާރު ޝަރުއީ ދާއިރާ އޮތީ އިންސާފުވެރިކޮށް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ޝަރުއީ ދާއިރާ މިނިވަން ކުރުމަށް ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.