އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ޗައިނާއިން ނުބެހޭ ކަމަށާއި އެކަމާ ސުވާލެއް ވެސް ނުއުފެދޭ ކަމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައެވެ.

Ad
rt

ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، ރާއްޖެެއިން ބޭރުގެ މީޑިއާއަކަށް ފުރަތަމަފަހަރަށް ދެއްވި އިންޓަވިއުގައި މުއިއްޒު ވިދާޅުވީ ޗައިނާ އިން ރާއްޖެއާ އަދި އެހެން ގައުމުތަކާއެކު ވެސް ގެންގުޅެނީ ރަނގަޅު ސިޔާސަތެއް ކަމަށެވެ. އަދި އެހެން ގައުމުތަކުގެ އެތެރޭގެ ކަންކަމަކާ ޗައިނާ އިން ނުބެހޭ ކަމަށާއި އެކަމާމެދު ސުވާލެއް ނުއުފެދޭ ކަމަށެވެ.

މީގެ އިތުރުން ޗައިނާ އަކީ ގައުމުތަކުގެ ސިޔާދަތަށް އުނިކަން އަންނަގޮތަށް ޢަމަލުކުރާނެ ގައުމެއް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެއްވެސް ގައުމެއްގެ އަސްކަރިއްޔާ އިން ރާއްޖޭގައި ގާއިމްވެ ތިބުމަށް އެއްވެސް މުއާމަލާތެއް ނުކުރައްވާނެ ކަމަށާއި ރާއްޖެއިން އަބަދު ވެސް ގެންގުޅޭނީ ފުރަތަމަރާއްޖެ ނުވަތަ "ޕްރޯ މޯލްޑިވްސް" ސިޔާސަތުކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.