ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލަށް ވަދެ، ހަމަލާ ފަށަން އުޅޭ ކަމުގެ އިންޒާރު ހަމަލާ ފެށުމުގެ ތިން ދުވަސް ކުރިން މިސްރުން އިސްރާއީލަށް ދީފައިވާ ކަމަށް އެމެރިކާގެ ކޮންގްރެސްގެ ޕެނަލް ޗެއާމަން މައިކަލް މެކްކޯލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ފޮރިން އެފެއާޒް ކޮމިޓީގެ ވެރިޔާ މައިކަލް މެކްކޯލް ވަނީ އިސްރާއީލާ ދެކޮޅަށް ހަމާސްއިން ހަނގުރާމަ ކުރަން އުޅޭ އުޅޭކަމުގެ އިންޒާރު ދިން ކަމަށެވެ. ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެފަދަ އިންޒާރެއް ލިބިފައި ނުވާކަމަށާއި އެ ރިޕޯޓްތަކަކީ "މުޅިން ދޮގު" ރިޕޯޓްތަކެއް ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުގެ 75 އަހަރުގެ ތާރީހުގައި ފަލަސްތީނުގެ ހަނގުރާމަވެރިން ދިން އެންމެ ނުރައްކާތެރި ހަމަލާ ހުއްޓުވުމަށް އިސްރާއީލުގެ ޖާސޫސީ އިދާރާތަކުން ވަނީ ނުކުޅެދިފައެވެ. އެއާއެކު، ފަލަސްތީނުގެ ރައްޔިތުންގެ ހިމާޔަތުގައި ހަނގުރާމާ ކުރަމުންދާ ހަމާސް ޖަމާއަތުން ވަނީ މުޅި އިސްރާއީލަށް ސިހުން ގެނުވާފަދަ ހަމަލާތަކެއް ދީ ޔަހޫދީންނަށް ސިހުން ގެނުވައިފައެވެ.
"އަޅުގަނޑުމެންނަށް އެނގޭ މިސްރުން އިސްރާއީލަށް މީގެ ތިން ދުވަސް ކުރިން މިހާރު ފެށިގެން އުޅޭ ގަތުލުއާންމުގެ ހަބަރު ދީފައިވުމުން ހަނގުރާމައެއް މެދުއިރުމަތީގައި ފެށިގެން ގޮސްދާނެކަން" އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ފޮރިން އެފެއާޒް ކޮމިޓީގެ ވެރިޔާ މައިކަލް މެކްކޯލް ވިދާޅުވިއެވެ.
"އަހަރެން ބޭނުމެއް ނޫން މާ ބޮޑަށް މި ކަންތައްގަނޑުގެ ތެރެއަށް ވަންނާކަށް، އެކަމަކު މިސްރުން އިސްރާއީލަށް މިކަމުގެ ހަބަރު ކުރިން ދިނުމަކީ އޭގައި ކޮންމެވެސް އަޑި ނޭނގޭ ކަންތައްތަކެއް ވާކަމުގެ ހެއްކެއް" އޭނާ ވިދާޅުވިއެވެ.
މިސްރުގެ ޖާސޫސީ އޮފިޝަލަކު މި ހަފްތާގައި އެސޯސިއޭޓެޑް ޕްރެސް ނޫސް އެޖެންސީއަށް ވިދާޅުވީ ޣައްޒާއިން "ބޮޑު ކަމެއް" ރާވާފައިވާ ކަމަށް އިސްރާއީލަށް ތަކުރާރުކޮށް އަންގާފައި ވާނެކަމަށެވެ.
"އަޅުގަނޑުމެން އެމީހުންނަށް އިންޒާރު ދީފައި ވާނީ ނުރައްކާތެރި ބޮމުގެ ހަމަލާތަކެއް ވަރަށް އަވަހަށް ދިނުމަށް ހަމާސްއިން ރާވަމުން ދާކަމަށާއި އަދި އެއީ ބޮޑު ކަމެއް ކަމަށް. އެކަމަކު އެމީހުން އެފަދަ އިންޒާރުތައް ނެގީ ވަރަށް ކުޑަކަމެއްގެ ގޮތުގައި،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އޮފިޝަލް ވިދާޅުވި އެވެ.
ގާހިރާގެ އޮފިޝަލް ވިދާޅުވީ އިސްރާއީލުގެ އޮފިޝަލުން ޣައްޒާގެ ނުރައްކާ ކުޑަކޮށް، އޭގެ ބަދަލުގައި ހުޅަނގު އައްސޭރިއަށް ފޯކަސްކޮށްފައިވާ ކަމަށެވެ.
ބުދަ ދުވަހު ނަތަންޔާހޫ ސިފަކުރެއްވި ގޮތުގައި އިސްރާއީލަށް ކުރިން ވަކި އިންޒާރެއް ލިބިފައިވާ ކަމަށް ބުނާ ހަބަރުތަކަކީ މުޅިން ދޮހު ހަބަރުތަކެކެވެ.
ޣައްޒާއާ އެކު ބޯޑަރު ކޮންޓްރޯލްކުރާ މިސްރަކީ ގިނަ ފަހަރަށް އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގާ ކުރިމަތިލުންތައް ސުލްހަކުރުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ގައުމެކެވެ. ހޮނިހިރު ދުވަހު ޔަހޫދީ އިސްރާއީލާއި ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތު މުޖާހިދުންގެ މެދުގައި ބަދަލުކުރެވެމުންދާ ހަމަލާތަކުގެ ތެރެއިން ބިމާއި ވައިގެ އަދި ކަނޑު މަގުން ހަމާސްގެ ހަމަލާއެއްގައި 1،500 އަށް ވުރެ ގިނަ ހަނގުރާމަވެރިން ވަނީ އިސްރާއީލުގެ ބޯޑަރު ހުރަސްކޮށް އެ ގައުމުގެ ތެރެއަށް ވަދެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އަދިވެސް ހަނގުރާމަވެރިން ދަނީ އިސްރާއީލަށް ވަންނަމުންނެވެ.
ހަމާސްގެ ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1،300 އަށް އަރާފައިވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ބަދަލުގައި އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 1،200 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
ހަމާސްގެ ހަމަލާއާ ގުޅިގެން އަބަދުވެސް އިސްރާއީލުގެ ޔަހޫދީ ދައުލަތަށް ވާގިވެރިވާ އެމެރިކާއިން ވަނީ އިރުމަތީ މެޑިޓެރޭނިއަން ކަނޑަށް އެގައުމުގެ މަތިންދާބޯޓުތަކާއި މަނަވަރުތަކުގެ އިތުރުން ޖެޓްތައް ފޮނުވާނެ ކަން އިއުލާންކޮށް، އިސްރާއީލަށް އިތުރު ސާމާނާއި ވަޒަން ވެސް ފޯރުކޮށްދޭނެ ކަން ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!