ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޑެޕިއުޓީ ޕީޖީ ލީޑަރުގ ެމަގާމަށް ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ހަމަޖައްސަވައިފިއެވެ.
އެކަން ހާމަކުރައްވާފައިވަނީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ވިދާޅުވީ ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމަށް ފަޒުލް ހޮވިވަޑައިގަންނަވާފައިވާ ކަމަށާއި މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމަށްފަހު ޕީއެންސީގެ މަގާމުތަކަށް ބަދަލުތައް ގެންނަމުން އަންނައިރު، އެ ފާޓީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ ހަމަޖައްސާފައެވެ. އަދި ނައިބު ރައީސްގެ މަގާމަށް އިންތިހާބީ ނައިބު ރައީސް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ވަނީ ހަމަޖައްސާފައެވެ.
މީގެ ކުރިން ޕީއެންސީގެ ރައީސްގެ މަގާމު އަދާކުރެއްވީ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ހަމަޖައްސާފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށެވެ.
އެ ތިން ބޭފުޅުން ވެސް ޕީއެންސީގެ މަގާމުތަކަށް އިންތިހާބުކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 41 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 40 މެންބަރުންގެ އިއްތިފާގުންނެވެ.
މުއިއްޒު ޕީއެންސީ އަށް ސޮއިކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނިމިދިޔަ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ޕީއެންސީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކަށް މުއިއްޒު ވެވަޑައިގަތީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ވޯޓު ދެއްވި 48 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ އިއްތިފާގުންނެވެ.
އެއަށްފަހު މިދިޔަ މަހުގެ ނުވަވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބުކުރައްވައި، މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރައްވައި ރައީސް ކަމަށް ހޮވިވަޑައިގެންފައެވެ. މުއިއްޒާ ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!