ފަލަސްތީނާއެކު ދިވެހިން ތިބިކަން އަންގައިދިނުމަށް މުޅި ރާއްޖޭގައި ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ހަރަކާތް ބޭއްވުމަށް ނިންމާފައިވަނީ މި އޮކްޓޯބަރު މަހުގެ 13 ވާ ހުކުރު ދުވަހު ހަވީރުއެވެ.

Ad
rt

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމަށް، ހުކުރު ދުވަހު ހަވީރު މާލެ އާއި ރަށްރަށުގައި ވެސް އެކި ހަރަކާތްތައް ބޭއްވުމަށް ނިންމާފައިވާއިރު، ހުކުރު ދުވަހު "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި މާލޭގައި ސައިކަލު ބުރެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެ ދުވަހުގެ ހަވީރު 4 ޖަހާއިރު ރަސްފަންނު ސަރަހައްދުން ފަށާ މި ސައިކަލު ބުރާއެކު، މާލޭގެ އިތުރުން ފުވައްމުލަކު އަދި އައްޑޫ ގައި ވެސް ހުކުރު ދުވަހު ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

އެގޮތުން "ގަދަކޮށް ފަލަސްތީނާ އެއްކޮށް" ގެ ނަމުގައި ފުވައްމުލަކުގައި ވެހިކަލް ބުރެއް އޮންނާނެއެވެ. މި ވެހިކަލް ބުރު އޮންނާނީ ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ފުވައްމުލަކު ބަނދަރު ސަރަހައްދުގައެވެ. އަދި ފަލަސްތީނު މިނިވަން ކުރުމަށް ގޮވާލައި ރެލީއެއް އައްޑޫ ސިޓީގައި ބާއްވާ ރެލީ ފަށާނީ އެދުވަހުގެ ހަވީރު 4 ޖަހާއިރު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ކައިރިންނެވެ.

ރާއްޖޭގެ ރައްޔިތުންނަކީ އަބަދު ވެސް ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ ބައެކެވެ. އެ ގައުމަށް އެހީވުމަށް އެކި ފަންޑުތަނާއި ފައިސާ އެއްކުރުމުގެ ގިނަ ހަރާތްތަކެއް އަބަދު ވެސް ދިވެހިން ހިންގައެވެ. އަދި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ހަރަކާތްތައް ވެސް ބާއްވައެވެ.

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ އުދުވާނީ ހަމަލާތަކުގައި އިއްޔެ އާއި ހަމައަށް 950 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފާއިވާއިރު 5000 އެއްހާ މީހުން ވަނީ ޒަޚަމް ވެފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް އެދި ހަމާސް ޖަމާއަތުން ކުރަމުންދާ ޖިހާދުގައި އިއްޔެގެ ނިޔަލަށް އިސްރާއީލްގެ 1200 މީހުން މަރުވެ 2700 އެއްހާ މީހުންނަށް އަނިޔާވެފައިވާކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ބުނެފަވެއެވެ.