އިންގްލެންޑްގެ ލީގު ފުޓްބޯޅައިގެ ދެވަނަ ގިންތި ކަމަށްވާ ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ބާމިންހަމް ސިޓީގެ ކޯޗަކަށް ވޭން ރޫނީ ހަމަޖައްސައިފިއެވެ.

މެންޗެސްޓާ ޔުނައިޓެޑާއި އިންގްލެންޑް ގައުމީ ޓީމްގެ ކެޕްޓަން ކޮށްފައިވާ، ރޫނީ (37) އަށް ބާމިންހަމުން ދީފައި ވަނީ ތިން އަހަރާ ބައި ގެ އެއްބަސްވުމެކެވެ.

Ad
rt

ބާމިންހަމްގެ ކޯޗްގެ މަގާމުގައި 2022 ވަނަ އަހަރު ޖުލައި މަހުން ފެށިގެން ހުރީ ޖޯން އެއުސްޓޭސްއެވެ. ފާއިތުވި ފަނަރަ މަސްދުވަނު އޭނާ ވަނީ އެ ޓީމަށް އިރުޝާދު ދީފައެވެ.

ރޫނީގެ ކޯޗިން ސްޓާފުން ތެރޭ މަސައްކަތް ކުރުމަށް މިވަގުތު އިންގްލެންޑްގެ 21 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމްގެ ކޯޗަކަށް ހުރި އޭޝްލީ ކޯލް އެ ޓީމާއި ގުޅޭނެއެވެ. އަދި މިވަގުތު ރިޕަބްލިކް އޮފް އަޔަލެންޑްގެ އެސިސްޓެންޓް ކޯޗްގެ މަގާމުގައި ހުރި އޯޝެއާ ވެސް ރޫނީގެ ކޯޗިން ޓީމާއި ގުޅޭނެއެވެ. މި ދެ މީހުންނަކީ ރޫނީއާއިއެކު މެންޗެސްޓާ ޔުނައިޓެޑްގައި ކުޅުންތެރިންގެ ގޮތުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ދެ މީހުންނެވެ.

ރޫނީ އެންމެ ފަހުން އިރުޝާދު ދީފައި ވަނީ ޑީސީ ޔުނައިޓެޑަށެވެ. އެ ޓީމްގެ ކޯޗުކަމުން އޭނާ ވަކިވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. ރޫނީ ވަނީ ޗެމްޕިއަންޝިޕްގެ ކުލަބެއް ކަމަށްވާ ޑާބީ ކައުންޓީގެ ކޯޗްކަން ވެސް ކޮށްފައެވެ. ބާމިންހަމް އަކީ އޭނާ އިރުޝާދުދޭ ތިންވަނަ ޓީމެވެ.