ހަރުކަށި ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށް މަޑުއްވަރީ ކައުންސިލުން ގޮވާލައިފި އެވެ.

ރ. މަޑުއްވަރީ ކައުންސިލް އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ހައިބަތާއި ޤަދަރު ގެއްލުވާލާ، ހަރުކަށި ޢަމަލުތަކަށް ހިތްވަރުދީ ހިންގަމުން ގެންދާ ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށް ގޮވާލަމެވެ. އަދި ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ ނޫސްމަޖައްލާތަކުން ރަށާއި މުޅި ރައްޔިތުން ބަދުނާމު ނުވާނެގޮތަކަށް ކަމުގެ ޞައްޙަ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށްވެސް ގޮވާލަމެވެ. މުސްލިމުންނަށް ލިބިފައިވާ އެންމެބޮޑު އެއް ނިޢުމަތް ކަމުގައިވާ އެކުވެރިކަމާއި އެއްބައިވަންތަ ކަމަކީ މުޖުތަމަޢުގައި އޮންނަ އަމަންއަމާންކަމާއި، ސުލްޙަ މަސަލަސްކަމުގެ އަސާސް ކަމުގައެވެ.

Ad
rt

ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން 2015 ޑިސެންބަރު 18 ވަނަ ދުވަހުން ފެށިގެން ރ. މަޑުއްވަރީގައި ހިންގަމުންގެންދާ އޮޕަރޭޝަނާއި ގުޅޭގޮތުން ކައުންސިލުން ނެރޭ ނޫސްބަޔާން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު މަޑުއްވަރީގައި ހިންގަމުންގެންދާ އޮޕަރޭޝަނާއި ގުޅިގެން ދިވެހި ނޫސްތަކުގައި ޝާޢިއު ކުރެވެމުންދާ ޚަބަރުތަކާއި ގުޅޭގޮތުން ބުނެފައިވަނީ ދާދިފަހުން ކަނޑުމަތީގައި ހިންގި އަނިޔާވެރި ޢަމަލާއި ގުޅުވައިގެން މަޑުއްވަރީގެ ޙާލަތުކަމަށް ބަޔާންކޮށް ގެނެސްދެމުންދާ ޚަބަރުތަކުގައި ޒިންމާދާރުކަންކުޑަ، ޙަޤީޤަތެއްނެތް އެތައް ވާހަކަތަކެއް ދިވެހި ނޫސްވެރިން ލިޔުމުގެ ސަބަބުން މަޑުއްވަރީއާއި މެދު މީހުން ދެކެމުން އައި ގޮތް ބަދަލުވެ، މަޑުއްވަރީ އަކީ ބިރުވެރިކަމުން ފުރިފައިވާ ނާމާން ރަށެއްކަމަށްވަނީ ސިފަވާން ފަށާފައެވެ.

މަޑުއްވަރީ ކައުންސިލުން ބެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ވިޔަފާރީގެ ގޮތުގައި ދިވެހި އޮންލައިން ނޫސްތަކުން ލިޔެފައިވާ މިފަދަ ލިޔުންތައް މިކައުންސިލުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި މި ޚައްޞާސް ދަނޑިވަޅުގައި މަޑުއްވަރީއާއި ގުޅޭ ޚަބަރުތަކުގައި، ޚާއްޞަކޮށް ދީނީ ހައްދުފަހަނަ އެޅުމާއި ގުޅޭގޮތުން ގެނެސްދޭ ޚަބަރުތަކުގައާއި މަޒުމޫނު ތަކުގައި ޙަޤީޤަތެއްނެތް ވާހަކަތައް ނުލިޔުމަށް އެންމެހާ ނޫސްމަޖައްލާތަކަށް ގޮވާލައި ނަސޭޙަތްތެރިވަމެވެ. ދިވެހިރާއްޖޭގެ ނޫސްމަޖައްލާތަކުގައި ސިފަކޮށްފައިވާފަދަ ބިރުވެރި ނުރައްކާތެރި ޢަމަލެއް މަޑުއްވަރީގައި ހިނގަމުން ނުދާކަން ދިވެހި އެންމެހާ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަމެވެ. އިސްލާމްދީނުގެ ނަމުގައި ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފަތުރައި، ހިންގަމުންގެންދާ ޢަމަލުތަކަކީ މި ކައުންސިލާއި ރަށުގެ ރައްޔިތުން ނުހަނު ކަންބޮޑުވާ އެހާމެ ދެކޮޅުހަދާ ޢަމަލުތަކެކެވެ.

މިހިނގާ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން، ފުލުހުންނާއި ސަލާމަތީ ބާރުތަކުން މިރަށުގައި ހިންގަމުން އަންނަ އޮޕަރޭޝަންގައި، ހަރުކަށިފިކުރު ފަތުރާ، ޖަމާޢަތުން ވަކިވެގަނެ، ދީނާއި މިރަށުގެ އެއްބައިވަންތަކަން ބައިބައިކުރުމަށް މަސައްކަތްކޮށް، ރަށުގެ އަގުވައްޓާލާ ބޮޑެތި ޖިނާޢީ ކުށްތަކަށް އަރަމުންދާ މީހުން ހޯދައި، އެމީހުންގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމަށް އެކައުންސިލާއި ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކޮށްފައިވެއެވެ.

މާތް ﷲ އިސްލާމް ދީނާއި އިސްލާމީ އުއްމަތަށް ކާމިޔާބު މިންވަރުކުރައްވައި، މުޖުތަމަޢުގައި ބައިބައިވުން އުފެދޭ މިފަދަ ނުރައްކާތެރި ޢަމަލުތަކުން އަޅުގަނޑުމެން ސަލާމަތްކުރައްވާންދޭވެ! އާމީން!

މިނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.