ހައްދުފަހަނަ އެޅި އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަން އިސްރާއީލުން މިއަދު އިއުލާންކޮށްފިއެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިސްރާއީލުން ހިފާފައިވާ އަވަށްތަކަށް ކުއްލިއަކަށް އަރައިގަނެ، ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފައެވެ. މި ހަމަލާތަކާއި ޣައްޒާ އިން ފޮނުވާލި ރޮކެޓާއި މިސައިލް ހަމަލާތަކާ އެކުގައި އިސްރާއީލުން 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި އިސްރާއީލް ސިފައިންނާއި އެ ގައުމުގެ އާންމުންނާއި ބައެއް އެހެން ގައުމުތަކުގެ މީހުން ވެސް ހިމެނެއެވެ.
ހަމާސް ޖަމާއަތުގެ ކުއްލި ހަމަލާތަކާ އެކުގައި އިސްރާއީލްގެ އަސްކަރިއްޔާ އިން ދަނީ މެދުކެނޑުމެއް ނެތި ފަލަސްތީނުގެ ޣައްޒާ އަށް ބޮން އަޅަމުންނެވެ. ޣައްޒާގެ އެތައް އިމާރާތެއް ބިމާ ހަމަކޮށްލާފައިވާ އިރު، ފަލަސްތީނުގެ 800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
އިސްރާއީލްގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގާލަންޓް ވިދާޅުވީ އިސްރާއީލުން ހަމަލާތައް އިތުރު ގިއަރަކަށް މައްޗަށް ޖައްސާލަން ތައްޔާރުވަމުންދާ ކަމަށެވެ. އަދި އިސްރާއީލްގެ އަވަށްތަކަށް ވަތް، ހަމާސްގެ މުޖާހިދުން ޝަހީދުކޮށްލައި، އެ އަވަށްތަކުގެ ފުރިހަމަ ކޮންޓްރޯލް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިސްރާއީލްގެ ޑިފެންސް މިނިސްޓަރުގެ ވާހަކައިގައި ވަނީ ފަލަސްތީނުގެ މުޖާހިދުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ. އަދި ހަމާސް ޖަމާއަތުގެ މުޖާހިދުން ކުރި ކަންތައްތަކުގެ ބަދަލު ވަރަށް ހިތި ގޮތަކަށް ލިބޭނެ ކަމަށް ވެސް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
"އެމީހުން (ހަމާސް) ހިތާމަ ކުރަން ޖެހޭނެ. ޣައްޒާ ކުރިން އޮތް ގޮތަކަށް ބަދަލެއް ނުވާނެ،" ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު ވިދާޅުވީ އިސްރާއީލާ ދެކޮޅަށް އަންނަ ކޮންމެ މީހެއްގެ ފުރާނަ ދުއްވާލަން ވެސް ފަސް ނުޖެހޭނެ ކަމަށެވެ.
އިސްރާއީލުން އެގޮތަށް ބުނި އިރު، ލުބުނާނުން ވެސް އަންނަނީ އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އަދި ރައްދުގައި އިސްރާއީލް ސިފައިން ވެސް ގެންދަނީ ވައިގެ މަގުން ލުބުނާނަށް ހަމަލާދެމުންނެވެ. އަނެއްކޮޅުން އެމެރިކާ އިން އިސްރާއީލާ އެއްބައިވެ، ފަލަސްތީނަށް އަމާޒުކޮށް ހަމަލާތައް ދޭ ނަމަ، އެކަމުގެ ރައްދު ހަމަލާތައް ދިނުމަށް ޔަމަންގެ ހޫތީން ވެސް ތިބީ ތައްޔާރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!