ފަލަސްޠީނު ރައްޔިތުންނަށް މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ދިނުމަކީ ބައިނަލްއްގުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށާއި އެހެންކަމުން ލަސްނުކޮށް މި ޒިންމާއަދާކުރުމަށް ޢަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އެ ޕާޓީން މިހެން ގޮވާލާފައިމިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ އެ ގައުމުގެ ޖަމާއަތެއްކަމަށްވާ، ހަމާސް އިން، އެ ގައުމުގެ ބިންތަކަށް ވެރިވެގަނެގެން ތިބި އިޒްރޭލަށް ކުއްލި ހަމަލާތަކެއްދީ އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ގާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ހައްގު ހޯދައިދިނުމަށް ޢަދާލަތު ޕާޓީން ތާއަބަދު ގޮވާލާ ގޮވާލުން ތަކުރާރުކުރާ ކަމަށެވެ.
މީގެ އިތުރުން ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ޣައިރު ޤާނޫނީ ވަޒަންވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ މިދަނޑިވަޅުގައި، އަލްމަސްޖިދުލް އަޤްޞާ އާއި ފަލަސްތީނުގެ އަޚުންނާ އުޚުތުންނާ ދެކޮޅަށް ޞަޙްޔޫނީ ބާރުތަކުން ހިންގަމުންގެންދާ އަނިޔާވެރި ޢުދުވާނުގައި މުސްލިމުންނަށް ނަސްރާއި ކާމިޔާބީ މިންވަރުކުރެއްވުމަށް ވެސް ވަނީ އެދިފައެވެ.
އެ ޕާޓީން ވަނީ މަސްޖިދުލް އަޤްޞާގެ މިނިވަންކަމަށް އެދި ގަދަކީރިތިވަންތަ اللهގެ ކިބަފުޅަށް ދުޢާކުރުންމަތީ ދެމިތިބުމަށް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުޤައްދަޞް ބިންތަކަށް ވާއިރު، ފަލަސްތީނުގެ ޤަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލަޔަކަށްވާތީ، ފަލަސްތީނުގެ ޤަޟިއްޔާއަށް ދާއިމީ ޙައްލެއް ހޯދާފުމަށްދާންދެން މެދުއިރުމަތީގައި ސުލްޙަ ޤާއިމުވުމަކީ އެ ޕާޓީން ދެކޭގޮތުގައި މުސްތަޙީލުކަމެއް ކަމުގައި އެ ޓްވީޓުގައި ވެއެވެ. އަދި މެދު އިރުމަތީގެ މަޞްރަޙު ހަލަބޮލިވުމަކީ ބައިނަލްއަޤުވާމީ ޞުލަޙަޔަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ވެސް ޓްވީޓުގައި ވެއެވެ.
އެހެންކަމުން، ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކޮށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އެނބުރި ރުޖޫޢަވެވޭނެ މަގުފަހިކޮށް، ފަލަސްޠީނުގެ ބިމުގައި ފަލަސްޠީނު ރައްޔިތުންނަށް މިނިވަން މުސްތަޤިއްލު ދައުލަތެއް ޤާއިމުކޮށް ދިނުމަކީ، މެދުއިރުމަތީގެ ހަމަޖެހުމަށާއި ބައިނަލްއަޤުވާމީ ޞުލަޙަށްޓަކައި، ޢަރަބި-އިސްލާމީ ޤައުމުތަކާއި، ބައިނަލްއަޤުވާމީ ބާރުތަކާއި އަދި މުޅި ބައިނަލްއްޤުވާމީ މުޖުތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
އެހެންކަމުން ލަސްނުކޮށް މި ޒިންމާއަދާކުރުމަށް ޢަދާލަތު ޕާޓީން ގޮވާލާފައި ވެއެެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!