އިންތިހާބީ ރައީސްގެ އޮފީސް ހިންގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) 5 ވަނަ ފަންގިފިލާ ހަމަޖައްސައިފިއެވެ.
މިކަން ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" މި ނަމުގައި އިދާރާއެއް، 2023 އޮކްޓޫބަރު 5 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފައެވެ.
ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ޤާނޫނު ގައިވާ ގޮތުން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް "ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން" ގެ މަގާމަށް، ސިވިލް ސަރވިސް ކޮމިޝަނުން ހަމަޖައްސަވައިފައިވަނީ، ލ. ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.
އެ މަރުޙަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސް އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައިވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސަރވިސް، ޙުސައިން ޢާމިރެވެ.
ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް، އޮކްޓޫބަރު 5 ވަނަ ދުވަހު ނެރުއްވި ދެންނެވުމަކުން، ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވާފައެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި، ޤާނޫނުތަކުން ރައީސުލްޖުމްހޫރިއްޔާ މީހުން ޢައްޔަންކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން، ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް އެ ދެންނެވުމުގައި ވަނީ އަންގަވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!