ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއެކު ދރާއްޖޭގައި ކުރިޔަށްގެންގޮސްފައިވާ އަދި މިހާރުވެސް ކުރިޔަށްދާ މަޝްރޫއުތަކަށް އިބްތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
އެމަނިކުފާނު ޝޫކުރު އަދާކުރެއްވީ ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވެވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި މުއިއްޒު ވަނީ އައު ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަކުރެއްވުމުގައި، ސައުދީ އަރަބިއްޔާގެ އެހީތެރިކަމާއި ބައިވެރިވުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ ރިޔާސީ ދައުރުގައި، ސައުދީ އާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާތީ، އަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަން ވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ސައުދީ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެއާ އެގައުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން ގުޅިފައިވާ ދެ ގައުމުކަން ފާހަގަކުރެއްވިއެވެ.
މި ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!