އެލައިޑް އިންޝުއަރެންސް އާއި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލް ގުޅިގެން ޓީޗަރުންގެ ދުވަސް ފާހަގަކޮށްފިއެވެ.
އެ ކުންފުނިން ވަނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ގްރޭޓާ މާލެ ސަރަހައްދުގެ 37 ސްކޫލަކަށް ޒިޔާރަތްކޮށްފައެވެ. އަދި، އެ ސްކޫލުތަކުގެ ޓީޗަރުންނަށް ވަނީ ކޭކު ހަދިޔާ ކޮށްފައެވެ.
އެލައިޑުން ބުނީ ޓީޗަރުންގެ ދުވަހުގެ ހާއްސަ ހަރަކާތެއް އެ ސްކޫލުން ކުރިއަށް ގެންދިޔައީ ޓީޗަރުން ކުރަމުން އަންނަ ހިދުމަތްތައް އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ޓީޗަރުންނަކީ ގައުމުގެ ޖީލު ބިނާ ކުރަމުން އަންނަ ފަރާތްތައް ކަމަށާއި، ދަރިވަރުން ދެކޭ ހުވަފެންތަކުން ކުރިއަށް ދިއުމަށް މަގުފަހިކޮށްދެނީ ޓީޗަރުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެލައިޑުން ބުނި ގޮތުގައި މި ފަދަ ދުވަހެއްގައި ޓީޗަރުންގެ އަގުވަޒަންކޮށް، ޓީޗަރުންގެ މަސައްކަތްތައް ފާހަގަކުރުމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެކެވެ.
އެލައިޑުން ކޮންމެ އަހަރަކުވެސް ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!