ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް އީގައި ރޭ ލިވަޕޫލާއި ބެލްޖިއަމްގެ ޔޫނިއަން ސެއިންޓް ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއިންނެވެ.

ރޭ މެޗުގައި ލިވަޕޫލަށް ފުރަތަމަ ލަނޑު ޖަހައިދިނީ ފުރަތަމަ ހާފު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް ގްރެވެންބާޗްއެވެ. މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. ދެވަނަ ލަނޑު މެޗުގެ ފަހު މިނެޓްގައި އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކެއްގައި ޖަހައިދިނީ ޑިއެގޯ ޖޮޓާއެވެ.

Ad
rt

މި މޮޅާއިއެކު ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއިއެކު ގްރޫޕް އީގެ އެއްވަނާގައި އޮތީ ލިވަޕޫލެވެ. ދެވަނާގައި އޮތީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ޓޮއުލޫސްއެވެ. ތިންވަނާގައި ދެ މެޗުން އެއް ޕޮއިންޓް ހޯދި ޔޫނިއަން ސެއިންޓް އޮތްއިރު ފުލުގައި އޮތީ ލަސްކްއެވެ.

ރޭ ވެސްޓް ހޭމުން ވަނީ ރަށުން ބޭރުގައި ޖަރުމަނުގެ ފްރެއިބާގް އަތުން 2-1 ގެ ނަތީޖާއިން މޮޅުވެފައެވެ. މެޗުގައި ވެސްޓްހޭމްއަށް ލަނޑުތައް ޖަހައިދިނީ ލޫކަސް ޕަކުއޭޓާއާއި އަގުއާޑްއެވެ. ފްރެއިބާގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ސަލާއީއެވެ.

ގްރޫޕް އޭގެ އެއްވަނާގައި ވެސްޓް ހޭމް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް ފްރެއިބާގަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ތިންވަނާގައި އޮލިމްޕިއާކޮސް އޮތީ ދެ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕް ފުލުގައި އޮތީ ބަކާ ޓޮޕޯލާއެވެ.

ރޭ ގްރޫޕް ބީގައި ބްރައިޓަންއާއި ފްރާންސްގެ މާސޭ ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގައި މާސޭއަށް ލަނޑުތައް ޖަހައިދިނީ އެމްބެމްބާއާއި ވެރެޓޫޓްއެވެ. ބްރައިޓަންއަށް ލަނޑުތައް ޖަހައިދިނީ ގްރޮބްއާއި ޖޯ ޕެޑްރޯއެވެ.

މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީ އޭއީކޭ އެތެންސްއެވެ. އެ ޓީމަށް ދެ މެދުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް މާސޭއަށާއި ތިންވަނާގައި އޮތް އަޔެކްސްއަށް ލިބިފައި ވަނީ ދެ މެޗުން ދެ ޕޮއިންޓެވެ. މި ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއިއެކު އޮތީ ބްރައިޓަންއެވެ.