އިންތިގާލީ މުއްދަތުގައި ބޮޑު ހަރަދުކުރަންޖެހޭ އައު އެއްވެސް ކަމެއް ނުކުރުމަށް ޕްރައިވައިޓޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފިއެވެ.

އެ އިދާރާ އިން ނެރުއްވި ސާކިއުލާ އެއްގައި ވިދާޅުވީ ރިޔާސީ އައު ދައުރަށް ހޮވިފައިވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރު ފެށުމާ ހަމައަށް މިހިނގާ އިންތިގާލީ މުއްދަތުގައި ކުންފުނިން އާންމުކޮށް ހިނގާ ވިޔަފާރީގެ މުއާމަލާތްތައް ފިޔަވައި އަދި ކުންފުނީގެ މަގުސަދުގައި ނުހިމެނޭ މުޅިން އައު އެއްވެސް ޕްރޮޖެކްޓެއް ނުވަތަ ކުންފުނިން ބޮޑު ހަރަދެއް ކުރަންޖެހޭ އައު އެއްވެސް ކަމެއް ނުކުރުމަށް އެދޭ ކަމަށެވެ.

Ad
rt

އެހެންނަމަވެސް ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނާއި ނެގޯޝިއޭޓް ކުރެވިފައިވާ ޕްރޮޖެކްޓުތަކާއި ހިނގަމުންދާ ޕްރޮޖެކްޓުތަކުގެ އެކްސްޓެންޝަން ފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށާއި މިފަދަ ޕްރޮޖެކްޓުތައް ވާންވާނީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ލާބައާއި މަންފާހުރި ޕްރޮޖެކްޓުތަކަށް ކަމަށް ވެސް ޕީސީބީ އިން ވިދާޅުވެއެވެ.

މީގެ އިތުރުން ކުންފުނީގެ އާމްދަނީ އަށް އަސަރުކުރާނެ ގަވާއިދުތަކާއި އުސޫލުތަކާއި ނިންމުންތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި ކުންފުނީގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި މުސާރައިގެ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނުގެނައުމަށް ވެސް އެދިލައްވާފައި ވެއެވެ. އަަދި ކުންފުނީގެ މުވައްޒަފުންނާ ގުޅޭ ގަވާއިދުތަކާއި އުސޫލުތަކަށް ވެސް އެއްވެސް ބަދަލެއް ނުގެނައުމަށް އެދިލައްވާފައި ވެއެވެ.

ހަމަމިއާއެކު އިންތިހާބީ ރައީސްގެ ފަރާތުން އިންތިގާލީ މަރުހަލައިގާ މަސައްކަތް ކުރައްވަމުން ގެންދަވާ އިންތިގާލީ ކޮމެޓީ އަށް ބޭނުންވާ އެންމެހައި މައުލޫމާތު ފޯރުކޮށްދިނުމަށް ވެސް ވަނީ އެދިލައްވާފައެވެ. އަދި އިންތިގާލީ މުއްދަތުގައި ރައްޔިތުންގެ މަސްލަހަތު އިސްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ޒިންމާދާރު އަދި ހާމަކަން ބޮޑު ގޮތެއްގައި ކުންފުނީގެ ނިންމުންތައް ނިންމެވުމަށް ވެސް ޕީސީބީ އިން އެދިލައްވައެވެ.