އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއީ މަގާމަށް އިންތިހާބުވުމަށް ފަހު މުއިއްޒު ބައްދަލު ކުރެއްވި ފުރަތަމަ ބޭރުގެ ސަފީރެވެ.
އެ ބައްދަލުވުން އޮތީ މުއިއްޒުގެ އަމިއްލަ ގެ މ. ދިމްޔާތުގައެވެ. އެ ބައްދަލުވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސްލާ ވަނީ، ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އިނގިރޭސި ވިލާތުގެ ސަރުކާރާ، ރައްޔިތުންނާ، އެކަމަނާގެ އަމިއްލަ ނަންފުޅުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި ޑރ. މުއިއްޒުގެ ޒައާމަތުގައި އިނގިރޭސި ވިލާތާ ދިވެހިރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ރިޔާށީ އިންތިހާބުގައި ލިބިވަޑައިގަތް ކާމިޔާބަށްފަހު، އިންތިހާބީ ރައީސް ބައްދަލުކުރެއްވި ބޭރުގެ ފުރަތަމަ ޑިޕްލޮމޭޓަކީ އެކަމަނާ ކަމަށް ވެވެޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއްކަމުގައި އިނގިރޭސި ސަފީރުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. އަދި މިއީ، ރާއްޖޭގެ ކޮންމެ ސަރުކާރަކުން ވެސް އިނގިރޭސި ވިލާތާއެކު ބާއްވަވަމުން ގެންދަވާ ގާތްގުޅުން މި ސަރުކާރުން ވެސް ދަމަހައްޓަވަމުން ގެންދަވާނެ ކަމަށް ލިބިވަޑައިގަތް ފުރިހަމަ ޔަގީންކަމެއް ކަމުގައި ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، އިންތިހާބީ ރައީސް ޑރ. މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކު ވެސް އޮންނާނެކަމަށް ދެއްވި ޔަގީންކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރެއްވެވި އެވެ. އަދި ހުރިހާ ދާއިރާއަކުން ވެސް އިނގިރޭސި ވިލާތާއޮތް ގުޅުންތައް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
ދިވެހި ގައުމަށާއި ރައްޔިތުންނަށާއި މަންފާހުރި އާ އެތައްކަމެއް އިނގިރޭސިވިލާތާއެކު އޮތް ގާތްގުޅުމުގެ ސަބަބުން ހާސިލްވާނެކަމުގެ އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!