ޔަޝްމީ މަޑުމަޑުން ގޮސް ހާރޫންގާތު ހުއްޓުނެވެ. އަދި ހާރޫންގެ މޭގައި ބޯޖައްސާލީވެސް ރަހީލަށް ބަލަމުންނެވެ. އެއާއިއެކު ރުޅިގަދަވެފައި ހުރެ ރަހީލް ނިކުމެގެން ދިޔައެވެ. އެހިނދު ހާރޫން ޔަޝްމީގެ ގައިގައި ބައްދާލަމުން ނިތްކުރިއަށް ބޮސްދިނެވެ.
***
ހަވީރުގެ ވަގުތެވެ. ޒޫނާ އިނީ ޖާވިދްގެ އިންތިޒާރުގައެވެ. އުނގުމަތީގައި ބާލީސް ބާއްވާލައިގެން އިނދެ އޭނާ ކެތްތެރިކަމެއް ނެތި ވަގުތު ގުނަމުން ދިޔައެވެ. ޒޫނާ އެހެން އިންނަތާ މާގިނައިރުތަކެއް ނުވެ ޖާވިދް އައިސް ދޮރު ހުޅުވާލިއެވެ. އަދި ވަރުބަލިކަމާއެކު ކަރުގައި އޮތް ޓައި ނަގަމުން ޒޫނާއަށް ބަލައިލިއެވެ.
" ހާދަ ހަމަޖެހިލައިގެން؟ ކޮބާ ޒިވާ؟"
ކޮޓަރީގެ އެކި ދިމަދިމާލަށް ބަލައިލަމުން ޖާވިދް އަހާލިއެވެ. އެއާއިއެކު އުނގުމަތީގައި އޮތް ބާލީސް ނަގައި އެނދުމަތީގައި ބާއްވާލަމުން ޒޫނާ ތެދުވިއެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި ޖާވިދުގެ ގާތަށް ގޮސް އޭނާގެ ގަމީހުގެ ގޮށްތައް ނައްޓަައިދޭން ފެށިއެވެ.
" ޖާވިދްގެ މަންމަ އައިސް ޒިވާ ގޮވައިގެން ގޮއްސި! "
ހެވިލާފައި ޒޫނާ އެހެން ބުނުމުން ޖާވިދް ބޯ ޖަހާލިއެވެ. އަދި ކުރިމަތީގައި ހުރި ޒޫނާގެ ދެކޮނޑަށް އަތް ވައްޓާލަމުން އޭނާގެ މޫނާ ގާތްވެލިއެވެ.
" އެހެންވެދޯ މާ ވަރަކަށް އަހަރެން ނައިސްގެން މެސެޖް ތިކުރަނީ؟ "
ލާނެތް ރާގަކަށް ޖާވިދް އެހެން ބުނުމާއިއެކު ޒޫނާ ޖާވިދްގެ ގައިގައި ބައްދާލިއެވެ.
" ނޫން! ހަދިޔާއެއް ދޭން ވެގެން.."
ޒޫނާ އެހެން ބުނުމާއެކު ޖާވިދް ކުޑަކޮށް ވިސްނާލިއެވެ. އެއަށްފަހު ޒޫނާގެ ބޮލުގެ މަތީގައި ދަތްދޮޅި ޖައްސާލަމުން ބުންޏެވެ.
" ހަދިޔާއެކޭ؟ މިއަދަކީ އަހަރެމެންގެ ކޮން ދުވަހެއް؟ އެއްވެސް ދުވަހެއް ނޫނެއްނު.."
ޖާވިދްގެ ޖުމްލައިން ތަންކޮޅެއް ބާރަށް ހޭން ފަށަމުން ޒޫނާ ދުރަށް ޖެހިލިއެވެ.
" ދެން ހަމަ ވަކި ޚާއްސަ ދުވަހެއްގައިތަ ހަދިޔާއެއް ދެވޭނީ؟ ހަމަ ކޮންމެ ދުވަހަކުވެސް ހަދިޔާއެއް ދެވިދާނެތާ.. ދެން ދޭބަލަ ފެންވަރާލައިގެން އަންނަން.."
ޖާވިދްގެ ދެކޮނޑުން ގަމީސް ނައްޓުވާލަމުން ޒޫނާ ބުންޏެވެ. އެއަށްފަހު އޭނާ ހިނގައިގަތީ ދާވަށިގަނޑާ ދިމާލަށެވެ.
" އޯކޭ! ވަރަށް އަވަހަށް މި ނިކުންނަނީ..."
ހެވިފައި ހުރެ ފާޚާނާއާ ދިމާލަށް ޖާވިދް މިސްރާބު ޖެހިއެވެ. ޖާވިދް ނިކުންނަންދެން އަނެއްކާވެސް ޒޫނާ ގޮސް އެނދުގައި އޮށޯވެލީއެވެ.
" ޒޫ.. ނީ! ޒޫނީ؟ "
ބާރުބާރަށް ޒޫނާއަށް ގޮވަމުން ޖާވިދް ފާޚާނާއިން ނިކުތީ ދެލޯ ބޮޑުކޮށްގެން ހުރެއެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ އާދަޔާ ޚިލާފް އުފާވެރި ކަމެކެވެ.
" އޭ! ހަމަ އަސްލުތަ؟ "
އަތުގައި އޮތް ޕްރެގްނެންސީ ޓެސްޓް ކިޓް ހިފައިގެން ޖާވިދް އައިސް އެނދުގައި އިށީނދެލި އިރުގައިވެސް މޫނުމަތީގައިވަނީ ފަނޑުވުމެއްނެތް އުފާވެރި ކަމެކެވެ.
" އަލްޙަމްދުލިﷲ! ކޮން އިރަކު ޓެސްޓް ކުރީ؟ ކިހިނެއް ޒޫނީއަށް އެނގުނީ؟ އަޅެ ޝައްކުވީ އިރުގައިވެސް އަހަރެންގާތު ނުބުނީ ކީއްވެ؟ "
ޒޫނާގެ ގައިގައި ބައްދާލަމުން ޖާވިދް ސުވާލަކަށްފަހު ސުވާލެއް ކުރަމުން ދިޔައެވެ. އޭރުވެސް ޒޫނާ ދިޔައީ ހެމުންނެވެ.
" ޕީރިއަޑް ނުވީމަ ޓެސްޓްކޮށްލީ! ދެން ބުނެބަލަ! އުފާވެއްޖެތަ؟ "
" އާނ! ކިހާ އުފާވާނެ! ވަރަށް އުފާވެއްޖެ.."
ޖާވިދް ޒޫނާގެ ބޮލުގައި ފިރުމާލުމަށްފަހު އޭނާގެ ކޮލުގައި ހިފާލިއެވެ.
***
ހާރޫން ގެއަށް އައީ ޔަޝްމީ ގޮވައިގެންނެވެ. އެންމެ ހިނދުކޮޅަކަށްވެސް ޔަޝްމީއާ ދުރުގައި ހުންނަން އޭނާ ބޭނުމެއް ނުވެއެވެ. އަމުދުން ރަހީލްގެ ފަރާތުން ޔަޝްމީއަށް އެއްވެސް ގެއްލުމެއް އަދި އުނދަގުލެއްވެސް ފޯރާކަށް އޭނާ ބޭނުމެއް ނޫނެވެ.
" އަހަރެން މިދަނީ އޮފީހަށް ވަދެލަން! ޔާނިޝް އޮތީ ނިދިފައި"
ޔަޝްމީގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ އައިސް ހާރޫންއާ ދާދި ގާތުގައި ހުއްޓުނެވެ.
" އަހަރެން ވަރަށް ބިރުގަނޭ.. ފަހަރެއްގައި ރަހީލް އެ ރުޅީގައި ހުރެ ހާރޫންއަށް ގެއްލުމެއްވެސް ދީފާނެ"
ޔަޝްމީ ކަންބޮޑުވުން ފާޅުކުރުމުން ހާރޫން ހިތްހަމަ ޖެހުނެވެ. މަޑުމަޑުން ޔަޝްމީގެ ދެއަތުގައި ހިފާލަމުން ހާރޫން ވާހަކަ ދެއްކިއެވެ.
" އިރާދަކުރެއްވިއްޔާ ދެން ދުވަހަކުވެސް އަހަރެމެން ދެމީހުން ވަކިކުރެވޭނެ އެއްވެސް އިންސާނެއް ނުހުންނާނެ... ބިރު ނުގަނޭ! ކަންބޮޑު ނުވޭ! "
ހާރޫންގެ ވާހަކައިން ޔަޝްމީ ގަދަކަމުން ހީލިއެވެ. ޔަޝްމީގެ ކޯތާފަތުގައި އަތް ޖައްސާލަމުން ހާރޫންވެސް ހީލިއެވެ. އެއަށްފަހު އޭނާ ނިކުމެގެން ދިޔައެވެ. އެއާއިއެކު ޔަޝްމީގެ އަތުގައި އޮތް ފޯން ރިންގްވާން ފެށިއެވެ.
" ރަޝާ! ހަލޯ! އަޅެ އަހަރެން ހާދަ އިރެއްވެއްޖެޔޭ ރަޝާއަށް ގުޅަން މަސައްކަތްކުރާތާ"
ފޯނު ނެގުމަށްފަހު ޔަޝްމީ ވާހަކަ ދެއްކީ ނުހަނު އަވަސް އަވަހަށެވެ.
" އަހަރެން ދެންމެ ހަމަ މިކޮޅަށް މިއައީ! ޔަޝްމީގެ ވާހަކަތައް ބޭބެ ކިޔައިދީފި.."
ރަޝާ ބުނެލީ އާދައިގެ ގޮތަކަށެވެ. އެހެންކަމުން އޭނާ ހުރީ ހިތްހަމަނުޖެހިފައިކަމެއްވެސް ޔަޝްމީއަކަށް ނޭނގުނެވެ.
" އަހަރެން...ރަ..ރަޝާ! އަހަރެން.."
ބުނާނެ އެއްޗެއް ނޭނގިގެން ޔަޝްމީ އާގަންނަ ގޮތްވިއެވެ. އޭރުވެސް ރަޝާ ހުރީ އެއްޗެއް ނުބުނެއެވެ.
" އެއީ.. ހާރޫން..."
އަނެއްކާވެސް ޔަޝްމީ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް މިފަހަރު އޭނާގެ ޖުމްލަ ހުއްޓުވީ ރަޝާއެވެ.
" އަހަންނަށް އެނގެޔޭ! ހާރޫންއާ ދިމާވިކަން އަހަންނަށް އެނގިއްޖެ.. ޔަޝްމީ ހީނުކުރައްޗޭ އަހަރެން ޔަޝްމީދެކެ ރުޅި އަންނާނެޔޭ.. ތިއީ މަގޭ ބެސްޓްފްރެންޑެއްނު.. ޔަޝްމީގެ ހުރިހާ ޙަޤީޤަތެއް އަހަންނަށް އެނގޭ އިރު އަހަރެން ކިހިނެއް ޔަޝްމީދެކެ ރުޅި އަންނާނީ؟ މިއޮއްހާ ދުވަހު ޔަޝްމީ ހާރޫންއަށް ކުރި އިންތިޒާރުވެސް އަހަންނަށްތާ އެނގޭނީ... ބޭބެއާވެސް ނީނދެވިފައި ހުރީ އަސްލު ހަމަ ހާރޫންމަތިން ހަނދާން ނައްތާނުލެވިގެންދޯ! "
ރަޝާ ވާހަކަ ދެއްކީ ނުހަނު އަވަސް އަވަހަށެވެ. އޭނާގެ ވާހަކަތަކުން ޔަޝްމީގެ ހިތަށް ވަރަށް ބޮޑު ލުޔެއް ލިބުނު ކަހަލައެވެ. އެހެންކަމުން ޔަޝްމީއަށް ހިތްހަމަޖެހުމުގެ ނޭވާއެއްވެސް ދޫކޮށްލެވުނެވެ.
" އާނ ރަޝާ! އަހަރެންގެ ހާރޫން އަހަންނަށް ލިބިއްޖެ! ރަޝާގެ އެދުމަށް މިދަތުރު އާދެވުނުކަން އެއީ އަހަރެންގެ ނަސީބު.. ރަޝާ ބުނެބަލަ.. އަހަރެންގެ ކުރިމަތީގައި ހާރޫން ހުއްޓާ އަހަރެން ކިހިނެއް އެހެން މީހަކާއެކު ދާނީ؟ ތިއީ އަހަރެންގެ ހުރިހާ ކަމެއް އެންމެ ގާތުން އެނގޭނެ މީހަކީވެސް.. އަހަރެން މިހުރީ ރަޝާ އަހަންނާމެދު ދެކޭނެ ގޮތެއް ނޭނގޭތީ ވަރަށް ކަންބޮޑުވެފައި"
ވާހަކަ ދައްކަމުން ގޮސް ޔަޝްމީ އެނދުގައި އިށީނދެލިއެވެ.
" ނޫނޭ.. އަހަންނަކީ އަބަދުވެސް ޔަޝްމީއަށް ހެޔޮއެދޭ ރައްޓެއްސެއް.. ބޭބެއަށް އަހަރެން ވަރަށް ވިސްނައިދީފިން.. އަހަންނަށް އެނގޭ މިންވަރަކުން ޔަޝްމީގެ އިޙްސާސްތައްވެސް ކިޔައިދީފިން.، ހާރޫން ދިމާވީމަ ޔަޝްމީއަށް އެހެން ގޮތެއް ނޯންނާނެކަން ވެސް ބުނެފިން.. ދެން މިހާރު ރުޅިގަނޑު މައިތިރިވެފައި ހުރީ.. ދެން ބޭބެއާމެދު ނުވިސްނާ..."
ރަޝާގެ ހިތްހެޔޮކަމާމެދު ޔަޝްމީއަށް އުފާކުރެވުނެވެ.
" އަހަރެމެން މާދަމާ ފުރަން! ހިތްހެޔޮ ކުރައްޗޭ.. އަހަންނަކަށް ނުކެރޭނެ ތިގެއަށް ދާކަށްވެސް... އެހެންވެ ދެން ނޭނގެ ފެންނާނެ ކަމެއްވެސް ދޯ"
މަޑުމަޑުން ރަޝާ ބުނެލިއެވެ. އެއާއިއެކު ޔަޝްމީގެ ހިތް ވަރަށް ބޮޑަށް ނުތަނަވަސް ވެގެން ދިޔައެވެ.
" އަޅެ.. އެކަމަކު. އަހަރެން ހާދަ ބޭނުމޭ ރަޝާ ދެކިލަން.."
ޔަޝްމީ ކިތަންމެ އާދޭހެއް ކުރި ނަމަވެސް ރަޝާގެ ނިންމުމެއް ބަދަލެއް ނުކުރިއެވެ. އެހެންކަމުން އޭނާ ފޯނު ބޭއްވީ ކޮންމެވެސް ދުވަހަކުން ބައްދަލްވާނެކަމަށް ބުނެފައެވެ.
***
ޔާނިޝް ނިންދެވުމަށްފަހު ޔަޝްމީ ސިޓިންގރޫމަށް ނިކުތީ އޭނާގެ އިންތިޒާރުގައި ބޭރުގައި އިން ހާރޫން ގާތަށެވެ. ޔަޝްމީ ނިކުތުމާއެކު އުފާވެރި ގޮތަކަށް ހާރޫން އޭނާއަށް ބަލައިލިއެވެ.
" ހާދަ ނުތަނަވަސްވެފައި؟ ކިހިނެއްވީ؟"
ދާދި ގާތުގައި އިށީން ޔަޝްމީގެ އަތުގައި އަތް ޖައްސާލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ އިސްޖަހާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" ދެން ކޮން ދުވަހަކުން ކައިވެނި ކުރާނީ؟ އަހަރެންގެ މަންމަމެންގާތު ބުނަންވެސް ޖެހޭނެއެއްނު"
ޔަޝްމީގެ ކަންބޮޑުވުމަކީ ކޮބައިކަން އެނގުމާއެކު ހާރޫން ހީލިއެވެ. އަދި ތަންކޮޅެއް ގާތަށް ޖެހުމަށްފަހު ޔަޝްމީގެ ދަތްދޮޅީގައި ހިފާލިއެވެ.
" އެމީހުން ގާތު ނުބުނެ އަހަރެން ކިހިނެއް އެމީހުންގެ އަމާނާތަކަށް އަރައިގަންނާނީ؟ އަހަރެންވެސް މިހުރީ ތިވާހަކަ ޔަޝްމީގާތު ދައްކާލަންވެގެން.. އަހަންނަށް ފެންނަނީ އަހަރެމެން މިވަގުތު ރާއްޖެދާން.. ޔަޝްމީގެ ރަށަށް ދާން.."
ހާރޫން ބުނެލީ ނުހަނު ލޯބިންނެވެ. އެއާއިއެކު ޔަޝްމީގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
" އަސްލުތަ؟ އަޅެ ހާރޫން ހާދަ ރަނގަޅޭ... އަހަރެން ވަރަށް އުފާވެއްޖެ... ވަރަށް ވަރަށް އުފާވެއްޖެ"
ޔަޝްމީ ހާރޫންގެ ކޮނޑުގައި ބޯއަޅާލިއެވެ.
" ޔަޝްމީއަށް ނޭނގުނަސް އަހަރެން ޔަޝްމީއަށްވުރެ ބޮޑަށް ޔަޝްމީގެ ކަންކަމާއިމެދު ވިސްނަން.."
އަސަރާއެކު ހާރޫން އެހެން ބުނެލުމުން ޔަޝްމީ ބޯ ހިއްލައިލުމަށްފަހު ފުން ނަޒަރަކުން ހާރޫންގެ މޫނަށް ބަލައިލިއެވެ. އެހިނދު ހާރޫން ލޯބިވެތި ގޮތަކަށް ހިނިތުންވެލިއެވެ.
****
ސިޓިންގ ރޫމްގައި ހުރި ސޯފާގައި ފާއިޒާ އިނެވެ. އޭރު ދާދި ގާތުގައި އޭނާގެ މާމަ ދަރިފުޅު ޒިވާ އިނީ ކާޓޫން ބަލާށެވެ.
" މާމާ! ކޮއްކޮ ފެންބޮވަނީ"
ޒިވާ ބުނެލިއެވެ. އެއާއިއެކު ފާއިޒާ ހީލަމުން ޒިވާގެ ބޮލުގައި އަތް ޖައްސާލަމުން ބުންޏެވެ.
" މިހާރު ތިއީ ދޮންތިއެކޭ.. "
" އައުޗް! ދޮންތި ހަނދާން ނެތުނީ... "
މަޖާ ގޮތަކަށް ތުއްތު ޒިވާ އެހެން ބުނެލުމުން ފާއިޒާ ހިނިގަނޑެއް ޖަހާލިއެވެ. އެއަށްފަހު އޭނާ ބޭރު ދޮރާދިމާލަށް ދިޔައީ ކާގެއަށް ދިޔުމަށްޓަކައެވެ.
" ދަރިފުޅު ބޭރަށް ނުގޮސް އިންނައްޗޭ! މާމަ މިދަނީ ފެންތައްޓެއް ބަލައި.."
ދޮރުމަތީގައި ހުއްޓިލުމަށްފަހު ފާއިޒާ ބުނެލިއެވެ. އެއަށްފަހު އޭނާ ބަލިގޮތަކަށް އޮޅިގަނޑުމަތިން ފޭބިއެވެ. އެއާއިއެކު އޭނާގެ ލޮލުގައި އަޅައިގަތީ ބޭރު ދޮރާށި ހުޅުވުނު މަންޒަރެވެ. އެހެންކަމުން އެތެރެއަށް ވަންނަނީ ކާކުތޯ ބަލައިލަން އޭނާ ކުޑަކޮށް މަޑުކޮށްލިއެވެ.
" ހާ! ދަރިފުޅާ"
އެތެރެއަށް ވަތް ޔަޝްމީ ފެނި ފާއިޒާއަށް ހިނގައިގަނެވުނެވެ. ހަމަ އެވަގުތެވެ. ހާރޫންއާއި ޔާނިޝް އެތެރެއަށް ވަނުމާއެކު އޭނާގެ މޫނުމަތީގައި ހައިރާންކަމުގެ އަސަރުތައް ވެރިވެގަތެވެ.
" މަންމާ! "
ޔަޝްމީއަށްވުރެ ކުރިން ހާރޫން ގޮވާލިއެވެ. އޭރު ފާއިޒާގެ ނަޒަރު ހުއްޓިފައި ހުރީ ކުޑަކުޑަ ޔާނީޝްއަށެވެ. ހާރޫން ފެނުމުން ލިބުނު ހައިރާންކަމެއްގެ ބޮޑުކަމުން ފާއިޒާގެ ހިތުގައި އެތައް ސުވާލުތަކެއް އުފެދުނެވެ. އެހެންކަމުން މަންމައަށް ކަންތައްވީގޮތް ކިޔައިދޭ ހިތުން ޔަޝްމީ ހުރީ ނުހަނު ކެތްމަދުވެފައެވެ.
***
" އެހެންވީމަ.. މިފަހަރު ކައިވެނި ކުރަންވާނީ މިރަށުގައި! "
ސައިތަށި ދަމާލުމަށްފަހު ޖާވިދް ބުންޏެވެ. އެއާއިއެކު ޔަޝްމީއަށް ލަދުން އިސްޖަހާލެވުނެވެ. ޖާވިދާއި ފާއިޒާގެ އިތުރުން ހާރޫންއާއި ޔަޝްމީވެސް އިނީ ޒޫނާގެ ގޭގައެވެ. އޭނާގެ ދަޢުވަތަކަށް ސައިބޯން އައިހެވެ. އޭރު ޒީވާ އާއި ޔާނިޝް އުޅެނީ އެގޭ ސިޓިންގރޫމްގައި ކުޅޭށެވެ.
ކަންތައްތައް ހިނގާދިޔަ ގޮތް ކިޔައިދެވުމުން ޔަޝްމީ އިނީ ނުހަނު ހިތްހަމަ ޖެހިފައެވެ. އިރުއިރުކޮޅުން އޭނާއަށް ހާރޫންގެ މޫނަށް ބަލައިލެވެނީވެސް ހިނިތުންވުމާއެކުއެވެ.
" ކައިވެނި ކޮށްގެން އަހަރެމެން ދުބާއީއަށް ދާންޖެހޭނެ.. މިހާރު އަހަރެންގެ ވިޔަފާރިވެސް އެއޮތީ އެތަނުގައި.. ރާއްޖޭގައި ނެތް ހަމަ އެކައްޗެއްވެސް..ޔަޝްމީ ބޭނުންވަނީ މަންމަ ގޮވައިގެންދާން! "
ޖާވިދްގެ މޫނަށް ބަލަހައްޓައިގެން އިނދެ ހާރޫން ވާހަކަ ދެއްކިއެވެ. އެއާއިއެކު ޖާވިދަށް ބަލައިލެވުނީ ޔަޝްމީގެ މޫނަށެވެ.
" މަންމަ؟ "
ކަންބޮޑުވެފައި ޖާވިދް އެހެން ބުނެލުމުން ހާރޫންގެ ހިތް ނުތަނަވަސްވިއެވެ. އެއްވެސް މީހަކު ހިތުގައި ޖައްސާކަށް އޭނާ ބޭނުމެއް ނޫނެވެ. ފާއިޒާވެސް އިނީ ހާރޫންގެ ޖުމްލައިން ކޮންމެވެސް ވަރަކަށް އުދާސްވެފައިކަން އޭނާއަށް އެނގުނެވެ.
" ހޫމް.. މަންމަ ގޮވައިގެން ދާން ބޭނުންވަނީ... އެހެން ނޫނަސް މިހާރު މަންމަވެސް ބައްޔެއްނު! މަންމައަށް ކަމެއް ދިމާވިޔަސް މިހާރު ޒޫނީއަކަށްވެސް އެހީއެއް ނުވެވޭނެ."
ޔަޝްމީ ބުނަން އުޅެނީ ކީކޭ ކަން ޖާވިދަށް ވިސްނުނެވެ. ނަމަވެސް އޭނާގެ ލޯމަތިން ގެއްލި، އެހާ ދުރަށް މަންމަ ފޮނުވާކަށް އޭނާ ބޭނުމެއް ނުވެއެވެ.
" އެކަމަކު.. ކަމެއް ވިޔަސް ކިހިނެއް ތި ހިސާބަށް ދާނީވެސް؟ ފަސޭހައިން ދެވޭނެ ހިސާބެއް ނޫން.."
ދެދަރީންގެ ކަންބޮޑުވުންތަކާއި ޚިޔާލްތައް އަޑުއަހަން އިން ފާއިޒާ އެންމެ ފަހުން ވާހަކަ ދައްކަން ފެށިއެވެ.
" ދަރިފުޅުމެންނޭ! މަންމަ ބޭނުން ދެކުދިން ގާތުވެސް އުޅެން.. މިހާރުވެސް މަންމަ ދިރިއުޅެނީ ގޭގައި އެކަނި.. އެއީ..އެއީ ބައްޕަގެ ހަނދާންތައް ރައްކާކުރެވިފައިހުރީ އެގޭގައި! އެއީ ބައްޕައާއި މަންމަގެ ދެއަތުން ކޮށްފައި ހުރި މަސައްކަތް.. އެހެންވީމަ މަންމަ ނިމިދާންވެސް ބޭނުންވަނީ އެތަނުގައި.. ޖާވިދްވެސް މަންމަ ގާތަށް ޒިޔާރަތް ކުރަނީ.. އެހެންވީމަ ޔަޝްމީވެސް އަހަރަކު އެއްފަހަރު ނަމަވެސް މަންމަގާތަށް ޒިޔާރަތް ކޮށްލާނީ! އެވަރުން މަންމަގެ ހިތް ހަމަ އުފާވާނެ"
އަސަރާއެކު ފާއިޒާ ދެއްކި ވާހަކަތަކަށް ޔަޝްމީ ފާޅުގައި އިންކާރު ކުރިއެވެ.
" ނޫން! މަންމަދެން އަހަރެމެންގެ ބަސް އަހާބަލަ! މަންމައަޅެ އަހަންނާއެކު ހިނގާބަލަ!"
" ތެދެއް މަންމާ! އަހަރެން އަހަރަކު ދެފަހަރު މަންމަ ރަށަށް ގެނެސްދޭނަން.. ޔަޝްމީއާއެކު ޖާވިދާ ބައްދަލް ކުރަން ގެނެސްދޭނަން.. އެންމެ ރަނގަޅުތަ؟ "
ހާރޫން އެހާ ލޯބިން ބުނުމުން ފާއިޒާ ހިނިތުން ވެލިއެވެ.
" ބޭބީ ލިބުނީމަ ވާނެ ދޮންބެމެންވެސް ދާން.. އޭރަށް ޒީވާގެ ޗުއްޓީވެސް ފެށޭނެ އެއްނު! އަހަރެމެންވެސް މިފަހަރު އެކޮޅަށް ގޮސް ޔާނިޝް ސްކޫލަށް ފޮނުވާނީ!"
ޔަޝްމީ ހެވިފައި އިނދެ ބުނެލީ ހިތްހަމަ ޖެހިގެންނެވެ.
***
ހާރޫން، އެނބުރި ދުބާއީއަށް އައީ ޔަޝްމީއާއެކު ފާއިޒާވެސް ގޮވައިގެންނެވެ. އެއީ ޚުދު ޔަޝްމީއަށްވެސް ލިބުނު އެންމެ ބޮޑު އުފާވެރިކަމެވެ. މަންމައާ ދުރުގައި ހުންނަން ޖެހުމުގެ ބިރު، އޭނާގެ ހިތުން މުޅިންހެން ފިލައިގެން ދިޔައެވެ. ދޫނިފަތުގެ ހުދުކުލައިގެ ބާލީހުގައި ބައްދާލައިގެން ޔަޝްމީ އޮތީ ހާރޫންގެ އިންތިޒާރުގައެވެ. މާ ގިނައިރުތަކެއް ނުވެއެވެ. ހާރޫން އައިސް ކޮޓަރިއަށް ވަނެވެ. އެއާއިއެކު އަވަސް އަވަހަށް ތެދުވެ، އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލުމަށްފަހު ޔަޝްމީ ހާރޫންއަށް ބަލަން ފެށިއެވެ. އޭރު އެނދާއި ދިމާލަށް އައިސް އައިސް ހުރި ހާރޫން ދިޔައީ އޭނާގެ ލައިގެން ހުރު ހުދުކުލައިގެ އަތްދިގު ގަމީހުގެ ގޮށްތައް ނައްޓަމުންނެވެ. އިޝްޤީ ނަޒަރަކުން ޔަޝްމީގެ މޫނަށް ބަލަމުން އައިސް ހާރޫން އެނދުގައި އިށީނދެލިއެވެ. އަދި މަޑުމަޑުން ޔަޝްމީގެ ކޯތާފަތުގައި އަތް ޖައްސާލީ ލުއި ހިނިތުންވުމެއްގައި ހުރެއެވެ.
" އަދިވެސް ވަރަށް ރީތި! މިހާ ކައިރިން ތި ރީތި މޫނު ފެނުނީމަ ހިތަށް ފިނިވެއްޖެ! "
ޔަޝްމީގެ އިސްތަށިގަނޑުގެ ތެރެއަށް އަތްވައްދާލަމުން ހާރޫން ވާހަކަ ދެއްކިއެވެ. އެއާއިއެކު ދެލޯ މަރާލުމަށްފަހު ޔަޝްމީގެ ދެއަތުން ހާރޫންގެ އަތުގައި ހިފަހައްޓާލިއެވެ. ހާރޫންވެސް ކުރިއަށްވުރެ ބޮޑަށް ޔަޝްމީއާ ގާތަށް ޖެހިލުމަށްފަހު އޭނާގެ މޫނުގައި މޫނު ޖައްސާލިއެވެ.
" ވަރަށް ލޯބިވޭ! "
ހާރޫންގެ ދެތުންފަތް ހަރަކާތް ކޮށްލިއެވެ. އެއާއިއެކު ހާރޫންގެ ފުޅާ ބައިމަތީގައި ޔަޝްމީ އަތްއަޅާ ބާރުކޮށްލަމުން ބުނެލިއެވެ.
" އަހަރެންވެސް ވަރަށް ލޯބިވޭ! "
އެހިނދު ޔަޝްމީގެ ކަނދުރާދަށުގައި މޫނު ޖައްސާލަމުން ހެޑްބޯޑު މަތީގައި ހުރި ލައިޓް އެއް އަތުން ހާރޫން ނިއްވާލިއެވެ. އެއާއިއެކު މުޅި ކޮޓަރިތެރެ އަނދިރި ވެގެން ދިޔައެވެ.
އެއީ ކުރެވުނު އެންމެ ކުށެއްގެ ސަބަބުން އުފަލާއި ލޯބިން މަޙްރޫމްވެދިޔަ ދެހިތެވެ. ނަމަވެސް އެއީ އެދެހިތުގައިވާ ވަރުގަދަ ލޯބީގެ ސަބަބުން ސާބިތު ކަމާއި ކެތްތެރިކަންމަތީ ދެމިތިބެވުނު ދެލޯބިވެރިންނެވެ. އޭރުވެސް ދެމީހުންގެ ހިތް އެކަކު އަނެކަކަށްޓަކައި ލޯބިން ފުރިފައިވީ ނަމަވެސް ދެހިތުގައި ކެކި އުތުރު އަރަމުންދިޔައީ ޝަކުވާއެވެ. ހާރޫންގެ ޝަކުވާއަކީ ޔަޝްމީ އޭނާ ދޫކޮށް ދިޔުމެވެ. ޔަޝްމީގެ ޝަކުވާއަކީ އެތައް ދުވަހެއް ވީއިރުގައިވެސް ހާރޫން އޭނާ ހޯދަން ނައިކަމެވެ. ނަމަވެސް އެންމެ ފަހު ވަގުތު ދެހިތް ބައްދަލް ވުމުން، އިޙްތިޔާރުން ބޭރުވެ އެކަކު އަނެކަކަށް އެދެވެން ފެށިއެވެ. ބޭނުންވިއެވެ. ލޯބި އޭގެ އެންމެ މަތިވެރި ދަރަޖައިގައި އޮތްކަން އިޙްސާސްކުރެވުނެވެ. އެހިސާބުން ޝަކުވާއެއް ނެތެވެ. ޝިކާޔަތެެއްވެސް ނެތެވެ. ހިތް ފުރުނީ ލޯބިންނެވެ. ނަށައިގަތީ އުފަލުންނެވެ. އަދި އޭރުވެސް ވިންދު ޖަހަމުން ދިޔައީ އެކަކު އަނެކަކަށްޓަކައިކަން އެމީހުންނަށް އެނގެއެވެ. އެހެންކަމުން ހާރޫންއާއި ޔަޝްމީގެ ޙަޔާތުގެ ލޯބީގެ އުފާވެރި އައު ބާބެއް އަނެއްކާވެސް ފެށުނީއެވެ. ލޯބިލޯބިންނެވެ. ކުރިއަށްވުރެ މާ ލޯބިންނެވެ.
- ނިމުނީ-
ނޯޓް: އަޅުގަނޑުގެ އިތުރު ވާހަކައެއް އަންނަ ނޮވެމްބަރު މަހުގައި!
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!