ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ބާއްވަން ޖެހޭ އިންތިހާބު މި މަހު ނެގުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.
ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިހާބެއް ބޭއްވުމަށް މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށެވެ. ހަބީބް ވިދާޅުވި ގޮތުގައި އެއީ އިންތިހާބު އިއުލާން ކުރުމާއި ރަޖިސްޓްރީ އާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި އޮފިޝަލުން ތަމްރީން ކުރުމާއި ކެމްޕެއިން ކުރުމާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ތައްޔާރު ކުރުމާއި ވޯޓު ކަރުދާސް ތައްޔާރުކޮށް ޗާޕް ކުރުން ފަދަ ކަންކަމަށެވެ.
ހަބީބް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލިހުން ގަރާރެއް ފާސް ކުރައްވައި އީސީ އަށް ފޮނުވި ވަގުތަކީ ރިޔާސީ އިންތިހާބުގެ މަސައްކަތް ހިނގަމުން އައި ވަގުތާ އެއް ވަގުތަކަށް ވެފައި، އެފަދަ ވަގުތެއްގައި ކޮމިޝަނަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ލިބިއްޖެ ނަމަ، މި މަހުގެ 30 ގެ ކުރިން އީސީން އެފަދަ ވޯޓެއް ނެގިދާނެ ކަމަށް ދެންނެވިފައި ވީ ނަމަވެސް މިއަދާ ހަމަށް ވެސް މަޖިލިހުން ކޮމިޝަނަށް އެދިވަޑައިގެންނެވި ކަންކަމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
އެހެންވެ، މި މަހުގެ ތެރޭގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.
"މިކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށްވެފައި، މިކަމާ ގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކާ ނުލައި، މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ." ހަބީބް ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމުގެ ވޯޓު ނަގަން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުން އަންގާފައިވިޔަސް، އެ ވޯޓު ނެގުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް އީސީ އިން އެދިފައިވާ އެދުމަށް އެއްބަސްވެވަޑައިގެންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވަނީ ވިދާޅުވެފައެވެ.
ބަރުލަމާނީ ނިޒާމުގެ ވޯޓާ ގުޅޭ ގަރާރު މަޖިލީހުން ފާސްކޮށް، އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ އިރު އެ ކޮމިޝަނުން ފުރަތަމަ ހުށަހެޅި ތާރީހަކީ މި މަހުގެ 29 ގައި ބަރުލަމާނީ ވޯޓު ނެގުމަށެވެ.
އެކަމަކު ރައްޔިތުންނާ އަހަންވީ ކޮން ސުވާލެއް ކަން އެ ގަރާރުން ސާފު ނުވާތީ އެކަން ސާފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މަޖިލިހުގެ އިދާރާ އަށް ސިޓީއެއް ފޮނުވައިފައެވެ. އެ ކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށާއި އެހެނިހެން އިންތިޒާމުތައް ހަމަޖައްސައި، ގަވައިދު ހަދައި ބަޖެޓު ހޯދުމަށްޓަކައި އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ސިޓީގައި ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!