ދަ ޑިމޮކްރެޓްސް އާ އެކު އެއްވެސް ކަމެއްގައި އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީ އިން މިހެން ބުނެފައި މިވަނީ ނިޒާމީ ވޯޓާ ގުޅޭ ކަންކަމާ މެދު ބަހުސް ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވަހަކަފުޅަކާއި ގުޅިގެންނެވެ.

Ad
rt

ނަޝީދު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދު ނުކޮށް ތިބޭ ނަމަ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދޭނެކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށެވެ.

މިވާހަކަ އާއި ގުޅިގެން އެމްޑީޕީ އިން ބުނެފައިވަނީ ޑިމޮކްރެޓްސް އިން އެ ޕާޓީއަށް ހުށަހެޅީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއިދު ކުރާނެ ކަމަށެވެ.

އެހެންނަމަވެސް މި ހުށަހެޅުން ގަބޫލު ކުރެވެން ނެތްކަން އެ ޕާޓީން ޑިމޮކްރެޓްސް އަށް އަންގާފައި ވާނެ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީ އިން އިތުރަށް ބުނީ އެއްވެސް ކަމަކަށް އެ ޕާޓީ އާއި ދަ ޑިމޮކްރެޓްސް އާ ދެމެދު އެއްބަސްވެފައި ނުވާނެ ކަމަށާއި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ޑިމޮކްރެޓްސް އިން ނިންމި ނިންމުމަކީ އެމްޑީޕީ އާ އެކު ހަދާފައިވާ އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

ނިޒާމީ ވޯޓާ ގުޅިގެން އެމްޑީޕީ އިން ކަންކުރާނެ ގޮތް ނިންމަން މަސައްކަތް ކުރަމުން ދާ އިރު، އެމްޑީޕީން ނިންމާފައިވަނީ އެ މައުޟޫގައި އެ ޕާޓީގެ ގައުމީ މަޖިލީހުގައި ބަހުސްކޮށް ގޮތެއް ނިންމުމަށެވެ.

އެގޮތުން ބޮނޑިބަތާއެކު މިރޭ ބައްދަލުވުމެއް ބާއްވަން ނިންމާ ވަނީ އިއުލާން ކޮށްފައެވެ. މި ބައްދަލުވުން އޮންނަނީ މިރޭ 8:30 ގައި އިމާދުއްދީން ސްކޫލް ހޯލުގައެވެ.