އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން މަރުހަބާ ވިދާޅުވެއްޖެއެވެ.
ޗައިނާ އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން މެދުވެރިކޮށް "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ޝީ ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އަދި އިހްލާސްތެރިކަމާ އެކުގައި ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް އިތުބާރުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ތަރައްގީގައި ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ޝީގެ މެސެޖްގައި ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒަށް އެމަނިކުފާނުގެ ފަރާތުން ހޫނު މަރުހަބާއަކާއި ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސް ކުރައްވާ ކަމަށެވެ.
"ރާއްޖެ-ޗައިނާ ގުޅުން ބަދަހި ކުރުމަށް އިސްކަން ދޭނަން. އެކުގައި މަސައްކަތްކޮށް މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށާއި ގުޅިގެން މަސައްކަތް ކުރުމުގެ ޔަގީންކަން އަރުވަން،" ޗައިނާގެ ރައީސް އާ ހަވާލާ ދެއްވާ ސަފީރު ލިޖިން ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ ޗައިނާއާ ވަރަށް ގާތް އަދި ވަރަށް ބަދަހި ގުޅުމެއް ބޭއްވި ސަރުކާރެކެވެ. ޕީޕީއެމްގެ ސަރުކާރުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ޗައިނާގެ އެހީއާއެކުގައެވެ.
ދެވަނަ ބުރުގެ ކާމިޔާބީއާ އެކު، އިންތިހާބީ ރައީސް މުއިއްޒުއަށް އެކި ގައުމުތަކުން ދަނީ މަރުހަބާ ކިޔަމުންނެވެ.
ދެވަނަ ބުރުގެ ނަތީޖާ އަށް ދައްކާ ގޮތުން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!