ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެމްޑީޕީއަކީ ޒިންމާދާރުކަމާ އެކީގައި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ޕާޓީއަކަށް ވާނެ ކަމަށާއި އެކަަމަކު، ހުދުމުހުތާރު ކަން ތަހަންމަލް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

ފައްޔާޒް އެގޮތަށް ވިދާޅުވެފައި ވަނީ އަންނަ މަހުގެ 17 ގައި ވެރިކަމުގެ ހުވާކުރެއްވުމާ އެކު، އެމްޑީޕީ ވާނީ އިދިކޮޅު ޕާޓީ އަށް ކަމަށް ވާތީ އެއީ ޒިންމާދާރު އިދިކޮޅު ހަރަކާތަކަށް ހެދުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވާފައި ވަނިކޮށެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ވެގެންދާނީ ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާ ޕާޓީ އަކަށެވެ. އަދި ސަަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމި އޮންނާނެ ކަަމަށް ވިދާޅުވިއެވެ. ޑިމޮކްރަސީއާ ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ދެމެހެއްޓުމަށް މުއިއްޒު ވެވަޑަައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން 2013 އިން 2018 އަށް ފެނުނު ފަދަ ހުދުމުހުތާރު އަނިޔާވެރި ވެރިކަމަށް އަނބުރާ ދާނަމަ އެކަން ތަހަންމަލު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ޒިންމާދާރު އިދިކޮޅު ޕާޓީއެއް ސަރުކާރަށް މުހިންމު ވާނެ ކަމަށާއި އެފަދަ ޕާޓީއަކުން ސަރުކާރަށް ފާޑުކިޔާނެ ކަމަށެވެ. ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވުރެ ރަނގަޅު ސިޔާސަތުތައް ވެސް ޒިންމާދާރު އިދިކޮޅު ޕާޓީއަކުން ރައްޔިތުންނަށް ގެނެސްދޭނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.