ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމްް ވަހީދު (ވައްޑެ) ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެކަމާއި ގުޅިގެން ބާއްވާ ގައުމީ މަޖިލިސް މިރޭ 8:30 ގައި އޮންނާނީ އިމާދުއްދީން ސްކޫލުގައި ކަމަށެވެ. އަދި މި މަޖިލިސް ކުރިއަށް ދާނީ ބޮނޑިބަތާއެކުގައި ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރައްވާފައިވަނީ 20 ސެޕްޓެމްބަރު 2023 ގައެވެ. މިއީ ހުޅުދޫ ދާއިރާގެ ދަ ޑިމޮކްރެޓިކްސްގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅެއްވި ގަރާރެކެވެ.
މުޅި މަޖިލީހުގެ ކޮމެޓީއަކުން މި ގަރާރުގެ މަސައްކަތް ކުރައްވާފައިވާއިރު، މި ގަރާރުގައި ގޮވައިލާފައި ވަނީ، 30 ނޮވެމްބަރުގެ ކުރިން ރާއްޖޭގައި އޮންނަންވީ ވެރިކަމުގެ ނިޒާމާމެދު ރައްޔިތުންގެ ޚިޔާލު ހޯދަން އާންމު ވޯޓަކަށް ދާން މަޖިލީހުން ނިންމައި، އެކަމުގެ އިންތިޒާމު ހަމަޖައްސައި އިލެކްޝަންސް ކޮމިޝަންގައި އެދުމަށް މަޖިލީހުން އިގްރާރުވުމަށެވެ.
މި ގަރާރު ފާސްކުރީ އިލްޔާސް ހުށަހެޅުއްވި އިސްލާހަކާއެކުއެވެ. އެއީ ގަރާރުގައި އޮތް ތާރީޚް 30 އޮކްޓޯބަރަށް އަވަސް ކުރުމަށް ހުށަހެޅުއްވި އިސްލާހެވެ. މި އިސްލާހާއެކު މި ގަރާރު ފާސްކުރީ، އެ ގަރާރަށް ކޮމިޓީގައި ވޯޓަށް އެހިއިރު ހާޒިރުވެތިބި 34 މެންބަރުންގެ ތެރެއިން 31 މެންބަރުންގެ ތާއީދާ އެކުގައެވެ.
މިގޮތަށް މި ގަރާރު ފާސްވެފައިވާއިރު ރާއްޖޭގެ ރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ނަގަން އެމްޑީޕީން އިއުތިރާޒު ނުކުރާ ކަމަށް އެ ޕާޓީގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ.
ގަރާރާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި 167 ވަނަ މާއްދާގައި ބުނެފައި ވަނީ މަޖިލީހުގައި ހަމައެކަނި ކަމަކާމެދު ދެކޭގޮތް ހާމަކުރުމަށްޓަކައި ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!