އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު ޕެލަސްއިން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި މިރޭ ކުޅުނު މެޗު ޕެލަސް އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާއިންނެވެ.
މީގެ ތިން ދުވަސް ކުރިން މި ދެ ޓީމް ވަނީ ކަރަބޯ ކަޕް ތިންވަނަ ބުރުގައި ވާދަ ކޮށްފައެވެ. އެ މެޗު ޔުނައިޓެޑުން ވަނީ 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައެވެ. ނަމަވެސް މިރޭ މެޗުގައި މޮޅު ޑިފެންސިވް ގޭމެއް ކުޅެ ޕެލަސް އިން މިވަނީ ޔުނައިޓެޑް ކައިރިން ބަދަލުހިފާފައެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖޯހިމް އެންޑާސެންއެވެ. ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފޯވާޑް ހޫލަންޑްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަދެވަދެ އޮއްވައި ސަލާމަތްކުރީ ޕެލެސްގެ ޑިފެންސުންނެވެ.
މެޗްގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މެޗުގައި ޕެލަސްގެ ކީޕަރުގެ ހުޝިޔާރުކަން ވަރަށް ބޮޑަށް ވަނީ ފެނިގެން ގޮސްފައެވެ. ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒްއާއި ފޯވާޑް ހޫލަންޑް ފޮނުވާލި ނުރައްކާތެރި ހަމަލާ ޕެލަސްގެ ކީޕަރ ޖޮންސްޓޯން ވަނީ ދިފާއު ކޮށްފައެވެ.
ޔުނައިޓެޑުން ލީގުގައި މިހާތަނަށް ހަތް މެޗު ކުޅެފައިވާއިރު އެ ޓީމް މޮޅުވީ އެނެމް ތިން މެޗުންނެވެ. ހަތަރު މެޗުން ވަނީ ބަލިވެފައެވެ. މިވަގުތު ޔުނައިޓެޑް އޮތީ ކުޅުނު ހަތް މެޗުން ލިބުނު 9 ޕޮއިންޓާއިއެކު 10 ވަނާގައެވެ. ޔުނައިޓެޑް އަތުން މިރޭ މޮޅުވި ޕެލަސް އޮތީ ތާވަލުގެ 9 ވަނާގައެވެ. އެ ޓީމަށް ހަތް މެޗުން ވަނީ 11 ޕޮއިންޓް ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!