އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ފަހުގެ އައިފޯނު ޕްރީއޯޑަރު ކުރި ކަސްޓަމަރުންނާ ފޯނު ހަވާލު ކުރަން ފަށައިފިއެވެ.
އުރީދޫއިން މި ފޯނުތައް ހަވާލު ކުރަން ފެށީ ރޭ މެންދަމުން ފެށިގެންނެވެ. އެގޮތުން އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ކުރިއަށް ގެންދިޔަ މި ހާއްސަ ހަރަކާތުގައި ކިޔޫގައި ނުޖެހި ލައިވް މިއުޒިކާއެކު ހިތްގައިމު މާހައުލެއްގައި ފޯނާއި ހަވާލުވުމުގެ ތަޖުރިބާއެއް އެ ކުންފުނިން އުފައްދައިދިނެވެ.
ޕްރީއޯޑަ ކުރި ކަސްޓަމަރުންގެ ތެރެއިން ފޯނާ ހަވާލުވުމަށް ނުދެވުނު ކަސްޓަމަރުންނަށް މޫލީ މެދުވެރިކޮށް މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްފަށާފައިވާ ކަމަށް އުރީދޫއިން ބުންޏެވެ.
އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައިވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެންނެވެ. އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ.
ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނެއެވެ.
މޫލީ މެދުވެރިކޮށް އައިފޯން ޕްރީއޯޑާ ކުރި ކަސްޓަމަރުންނަށް ހާއްސަ އޮފާއެއްގެ ގޮތުން، އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޯބައިލް ޑޭޓާ މުޅިން ހިލޭ ލިބޭނެއެވެ. މި ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑާ ކުރި ފަރާތްތަކުން “Bonus100GB” ކީވޯޑާ ޖެހުމަަށްފަހު 5555 އަށް އެސްއެމްއެސް ކޮށްލުމުން ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!