ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރަން އާންމު ވޯޓަކަށް ގޮސްފިނަމަ، ރިޔާސީ ނިޒާމު ދަމަހައްޓަން އަމަލީ ގޮތުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ މެދު އެމްޑީޕީން ގޮތެއް ނިންމުމަށް މިރޭ ބޭއްވި ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ ނިޒާމާއި، ބަރުލަމާނީ ނިޒާމުގައި ވެސް ރަނގަޅާއި ގޯސް އެބަހުރި ކަމަށާއި، ނަމަވެސް ރާއްޖެއަށް އެންމެ ރަނގަޅި ރިޔާސީ ނިޒާމު ކަމަށް ގަބޫލު ކުރާ ކަމަށެވެ.

Ad
rt

"ނިޒާމީ ވޯޓަކަށް ގޮސްފި ނަމަ ރިޔާސީ ނިޒާމު ބޭއްވުމަށް އަމަލީ ގޮތުން މަސައްކަތްކުރާނެ ވާހަކަ މިރޭ ދަންނަވަން."

އެމަނިކުފާނުގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށް ކަމަށް ފާހަގަކުރައްވަމުން ވިދާޅުވިއެވެ.

މި މަހުގެ 30 ގެ ކުރިން ނިޒާމު ކަނޑައެޅުމުގެ ވޯޓެއް ނެގުމަށް، މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށްވާ ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވީ އެމްޑީޕީގެ ވެސް ރުހުމާ އެކު އެވެ.

އެހެން ނަމަވެސް، ފަހުން އެމްޑީޕީން ބުނެފައިވަނީ މިއީ ނިޒާމީ ވޯޓެއް ނެގުމަށް އެންމެ ރަނގަޅު ވަގުތު ނޫންކަމަށާއި، ޑރ މުއިއްޒަށް ވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދެން ޖެހޭނެ ކަމަށެވެ.

ރައީސް ސޯލިހުގެ އިތުރުން ގައުމީ މަޖިލީހުގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް ހާމަކުރެއްވީ ނިޒާމު ބަދަލުކުރަން ތާއީދު ނުކުރައްވާ ކަމެވެ.

އެގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމްޑީޕީ އަކީ ފެށުނީއްސުރެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށާއި އިންތިހާބަކުން ނާކާމިޔާބުވުމުން ވާދަވެރި ކެންޑިޑޭޓަށް ވެރިކަން ކުރުމުގެ ފުރުސަތު ނުދިނުމަކީ އެ ޕާޓީގެ ގަބޫލުކުރުންތަކާ ހިލާފު ކަމެއް ކަމަށެވެ. އެމްޑީޕީން 2007 ވަނަ އަހަރުގެ ނިޒާމީ ވޯޓުގައި ތާއީދު ކުރީ ބަރުލަމާނީ ނިޒާމަށެވެ. ނަމަވެސް އެ ފަހަރު ރާއްޖޭގައި އޮންނަން ފެންނަ ކަމަށް ހޮވުނީ ރިޔާސީ ނިޒާމެވެ.